ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުގެ ކުރީގެ އިސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާ މެންބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވޭތޯ ބެލުމަށް ހާއްސަ ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ބްރާންޗްތަކާއި ޕްރޮޖެކްޓްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓް، 53 މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތް ނުބަލައި، ކުންފުންޏަށް ގެއްލުންވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް އިން-ހައުސްކޮށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަޖިލީހުން ފާސްކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ފެނަކައިގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުން ހިމެނެއެވެ. އަދި ފެނަކައިގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އޮންނަ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ނުގަނެވޭ ގޮތަށް 45 ދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓް އުސޫލު އިސްލާހުކުރުމާއެކު މައްސަލަތައް ނިމެންދެން ތަހުގީގު ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އޭސީސީން ކުރިއަށްގެންދާ ތަހުގީގުތައް އަވަސްކުރުމަށް އެންގުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.
މި ރިޕޯޓާ ދެކޮޅަށް މަޖިލީހުގެ އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.