English Edition
Dhivehi Edition
އައްޑޫ ނޭޗާސް ޕާކު: ފޮޓޯ/ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަންޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ތަމްރީނުތަކުގައި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެ ސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ އިތުރުން މި މަސައްކަތުގައި ހިއްސާވާ އެކި ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ތަމްރީނަކީ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭން އަދި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވުނު ތަމްރީނެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ބުނީ މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ނޭޗަރ ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. މީގެ އިތުރުން، މަޝްރޫއުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ނިޒާމެއް ހަރުދަނާކޮށް މަޝްރޫއުގެ ތެރޭގައި ބޭނުންކުރުން ހިމެނޭކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަސައްކަތަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސްއަދި އޮސްޓްރޭލިއަން އެއިޑް ގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާއިރު މި މަސައްކަތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލުތަކުން ނަފާ ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.