English Edition
Dhivehi Edition

މިއަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު 3:00 ޖަހާއިރު ބޭއްވުމަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ އަޑުއެހުމަކީ މިމައްސަލާގައި ބާއްވާ އިބްތިދާއީ ދެވަނަ އަޑުއެހުމެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނަކީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއިލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަރާލިއިރު އޭނާ ދިރިއުޅޭ މ. ސްޕެކްޓިކިއުލާގެ ކައިރީ ފާރައަށް ހުރީ މ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަނެއް ހަ މީހުންނަކީ ގދ. ގައްދޫ ސިންދުބާދުގެ މުހައްމަދު ދިފްރާން އާއި މ. ކުދެހިގެ ހަސަން ޝިފާޒުގެ އިތުރުން މ. ކޮޅުފުށި އީސްޓް ހަސަން ޒިޔާދެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އެ ދުވަހުގެ އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިގެން އެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މިމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު އިއްވާނެ އެވެ. ނަަމަވެސް ޔާމީންގެ ވާރިސުންގެ ތެރެއިން އެކަކު ނަމަވެސް އެމީހުންނަށް މައާފްކޮށްފިނަމަ ގާތިލުންގެ މައްޗަށް އިއްވާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގެ އަޑީގައި ތިބި މީހުން ވެސް އެނގޭ ކަމަށާއި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ސިޔާސީ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.