English Edition
Dhivehi Edition
މަވާޒް

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީގައި އަމިއްލަ ބޭބެ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ސ މަރަދޫފޭދޫ ބްލޫސްޓަރ ހުސައިން މަވާޒު ދައުވާއަށް އިއުތިރާފުވެއްޖެއެވެ.

ދައުލަތުން މަވާޒްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މަވާޒު އޭނާގެ ބޭބެ މަރާލިކަމަށް ކޯޓުގައި އެއްބަސްވެފައިވާއިރު އޭނާ ވަނީ، އޭނަ އާއި އެކުދައުލަތުން ހަދާފައި އޮތް އިއުތިރާފުގެ އެއްބަސްވުން ދަމަހައްޓަން އެދިފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ދައުވާ ސާފު ކޮށްދީފައެވެ. މި އަޑުއެހުމުގައި ވާހަަކަ ދައްކަމުން މަވާޒް ވަނީ އޭނާ ދައުވާއަށް އިއުތިރާފުވާ ކަމަށާއި، އެދެނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ކަމަށް ބުނެފައެވެ. އަދި އޭނާ ކުރިއަށްދާން ބޭނުންވަނީ ތަހުގީގުގައި ދީފައިވާ އިއުތިރާފު ބަޔާނާ އެއްގޮތަށް ކަމަށާއި، އެ ވާހަކަތައް މިހާރު ދައްކަން އުނދަގޫކަމަށްވެސް މަވާޒު ވަނީ ބުނެފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ވަނީ މަވާޒު ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ.އަދި އޭނާއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ އެއްބަސްވުން ދަމަހައްޓަން މަވާޒް ބޭނުންވޭތޯ ބެލުމާއި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.

މަވާޒު ދައުލަތާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނާނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އިއުތިރާފްގެ އެއްބަސްވުމުގެ ސަބަބުން މަވާޒް އަށް މަރުގެ ހުކުމެއް ނާންނާނެއެވެ.