English Edition
Dhivehi Edition
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް، ކްރިމިނަލް ކޯޓުގެ ގާޒީން ހާޒިރުކޮށް ބަޔާން ނަގަން ފަށައިފިއެވެ.

އޭސީސީން ބަލަމުންދާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.

އިސްމާއިލް ލަތީފް ހައްޔަރުކޮށްފައިވަނީ މާލޭގައި ހިންގި “ޑައިމަންޑް ފިންގާސް” ނަމަކަށް ކިޔާ ސްޕާއަކަށް ފުލުހުން ރެއިޑްކޮށް ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ.

މި ރެއިޑުގައި އޭނާގެ އިތުރުން އިތުރު ބަޔަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. މިއާއި އެކީ އަޒްމިރަލްދާ ނުފޫޒު ފޯރިވިކަމަށް ގިނަ ބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.