ސިިވިލް ސާވިސް މުވައްޒަފުން ރަސްމީ ގަޑީގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ، އިތުރު އިންޒާރަކާއި ނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
އިސްލާހުކޮށްފައިވާ ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން، ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު، ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ސިވިލް ސާވިސް ގަވައިދު 2014 އަށް އިސްލާހު ގެނެސް، ގެޒެޓްކޮށްފައިވާއިރު އަލަށް އިސްލާހުކުރި 272 ވަނަ މާއްދާގެ (ހ)ގައި ވަނީ މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
މީގެ އިތުރުން މި މާއްދާގެ (ށ) ގައި ވަނީ މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުން ވަޒީފާ ގެއްލޭނެ ކަމަށް ބަޔާންކޮށްފައެވެ. ހަމަ މިއާއި އެކު މި މާއްދާގެ (ނ) ގައިވަނީ މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅޭނަމަ ވަޒީފާއިން ވަކި ކުރެވޭނެ ކަމަށް ބަޔާންކޮށްފައެވެ.
ގަވައިދު ގެޒެޓް ކުރާތާ 60 ދުވަހުގެ ތެރޭގައި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މި އިސްލާހާއި އެކު ރަސްމީ ގަޑީގައި ސިޔާސީ މަސައްކަތްތައް ކުރުމުގެ އިތުރުން ސިޔާސީ ވާހަކަދެއްކުމަކީވެސް މަނާކަމެކެވެ.