English Edition
Dhivehi Edition

ސިވިލް ސަރވިސް އިދާރީ މުވައްޒަފުންގެ މުސާރަ އޮނިގަނޑު އެކުލަވާލައި، އެ މުވައްޒަފުންގެ މުސާރަ ދޭނެ މިންވަރު ފާސްކުރުމަށް, ޕޭ ކޮމިޝަނަށް ފޮނުވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ، މުވައްޒަފުންގެ ފެންވަރު ބަލައި ކުރިއެރުން ލިބޭ ގޮތަށް އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި އެމުވައްޒަފުންގެ މުސާރައިގެ މިންވަރު ނުވަތަ ޕޭ ސްކޭލް އާއިމެދު ގޮތެއް ނިންމުމަށް ޕޭކޮމިޝަން މިހާރު ފޮނުވާފައިވާ ކަމަށެވެ. ކައިރި މުސްތަގުބަލެއްގައި އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާ ކަމަށާއި ، އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްދާނެ ކަމަށް ބެލެވޭ ކަމަށް ނާސިޙް ވިދާޅުވިއެވެ.

2020 ވަނަ އަހަރު މި ދިމާވި ހާލަތާއި ގުޅިގެން އެހާލަތުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެކަމަށް ލަފާކުރެވެނީ. އެހެން ނަމަވެސް ކުރިއަށްއޮތް މުސްތަޤުބަލުގައި މުސާރައަށް އަވަސް ބަދަލެއް ގެނައުން ސަރުކާރުގެވެސް އަމާޒަކީ. އެގޮތަށް ޕޭކޮމިޝަން ވެސް މަސައްކަތްކުރާކަމަށް ބެލެވޭ އަޅުގަނޑުމެން އެބޭފުޅުންނަށް އެއްބާރުލުން ދޭނަން” ސީއެސްސީ ރައީސް ވިދާޅުވިއެވެ.

” ރާއްޖެ މިއަދު ” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޞަޢީދު ވިދާޅުވި ގޮތުގައި މިއޮނިގަނޑުގެ ދަށުން ކެރިއަރ ބޭސްޑް ނިޒާމުގެ ތެރެއިން މުވައްޒަފުގެ މަސައްކަތަށް ނުވަތަ ތައުލީމީ ފެންވަރު ބަލައި ވަޒީފާގެ ކުރިއެރުން ލިބި މަޤާމްތައް ބަދަލުވެގެން ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ. “މަގާމުގައި ހުރެގެން އެމީހެއްގެ ފެންވަރަށް ބެލިގެން ކުރިއަށްދިއުމުގެ މަގު ފަހިވެފައި އޮންނަ އޮނިގަނޑެއްގެ ގޮތުގައި އޮނިގަނޑު މިއޮންނަނީ. އޭގެ ތެރޭގައި މީހާގެ މަސައްކަތް ރަނގަޅިއްޔާ ވަކި އަހަރު ތަކަކުން ކުރިއަށްދިއުމުގެ ފުރުސަތުވެސް ލިބޭނެ. އަދި ތައުލީމު ހާސިލު ކޮށްފިއްޔާ ވެސް ކުރިއަށްދިއުމާއި މަޤާމުތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނޭ. އެއީ އިދާރީ މުވައްޒަފުންނަށް ލިބޭ ބޯދުކުރިއެރުމަކަށްވާނެ ” އަބްދުﷲ ޞަޢީދު ވިދާޅުވިއެވެ.

ފާއިތުވި އަހަރުގައި ސިވިލް ސާވިސްއިން ވަނީ 3 ގަވައިދެއް އެކުލަވާލާފައެވެ. އެގޮތުން ޗުއްޓީއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުން އެ ޕްރައިޒް ކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. ރާއްޖޭގައި ސިވިލް ސަރވިސްގައި އެންމެ ގިނައީ އިދާރީ މަސައްކަތްތަކާއި ގުޅުހުންހުރި ވަޒީފާތަކުގައި ތިބި މުވައްޒަފުންނެވެ. ނަމަވެސް އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުން ލަސްވުމުގެ ސަބަބުން އެކަމުގެ ގިނަ ޝަކުވާތަކެއް މުވައްޒަފުން ދަނީ ކުރަމުންނެވެ.