English Edition
Dhivehi Edition
ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

“ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް” ޝިޢާރުގެ ދަށުން ބާއްވާ ސިވިލް ސަރވިސް ކޮންފަރެންސް އަންނަ ޖޫން 9 ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މިކޮންފަރެންސް ގައި މިފަހަރުގެ ޝިޢާރާއި ގުޅުންހުރި 3 ދާއިރާއަކުން 15 ކަރުދާހެއް ހުށަހެޅިގެންދާނެއެވެ. އަދި ރާއްޖެއިން ބޭރުގެ 2 ސްޕީކަރުންނާއި ރާއްޖޭގެ 2 ސްޕީކަރުން މި ކޮންފަރެންސްގައި ކީނޯޓް ދެއްން ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސްގެ ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 3 ޝިޢާރަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިދާރީ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުމެވެ.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އަދި ނައިބުންނާއި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 113 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ސިވިލް ސާވިސް ކޮންފަރެންސަކީ ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ، ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި، ކުރިމަގަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ މަޤްޞަދުގައި ކޮންމެ 2 އަހަރުން 1 އަހަރު ސިލްސިލާކޮށް ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ.