ސިވިލް ސާވިސް މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމުގެ ހުރިހާ މަރުހަލާއެއް މިއަދުން ފެށިގެން އޮންލައިންކޮށް ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ނާސިހު ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއަށް އިއުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާއަށް ހޮވަންޖެހޭ ހުރިހާ މަސައްކަތަކާއި، މުވައްޒަފު އައްޔަނުކުރުމާ ހަމައަށް، ހުރިހާ މަރުހަލާއެއްގެ މަސައްކަތް އޮންލައިންކޮށް ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ނާސިހު ވިދާޅުވީ މީގެ ސަބަބުން 30 ހާހެއްހާ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ. އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ސިސްޓަމާ ސީއެސް ވިއުގަ ގުޅާލެވިފައިވާތީ ކުރިއަށް އޮތް ތަނުގައި މުވައްޒަފުންނަށް މުސާރަ ދިނުމުގެ ކަންކަން ދެ ފުށް ފެންނަ ގޮތަކަށް ރެކޯޑު ބެލެހެއްޓިގެންދާނެ ކަމަށް ނާސިހު ވިދާޅުވިއެވެ.
އިތުރަށް ނާސިހު ވަނީ މި ހުރިހާ ކަމަކީ ސީއެސް މުވައްޒަފުން ޒިންމާދާރުކޮށް ކޮމިޝަންގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރި މުހިންމު މަސައްކަތްތަކެއް ކަން ފާހަގަކުރައްވާފައެވެ.