English Edition
Dhivehi Edition

ސާޖިދުއާއި ޒިލްމާގެ ކާވެނި ކާރޑް ތައްޔާރު ކޮށްފައިވަނީ އިތާމުތް އަތުރައިގެން 99.12.31 ޑިޒައިން ކޮށްގެންނެވެ. ނައުޝާދު އާރޓްސްގެ ހުރި ކުޅަދާނަ ކަމެއް އޭގައި އެކުލަވަން މަސައްކަތް ކޮށްފައި ހުރިހެން ހީވެއެވެ. ބޮޑު ކޮށްލާފައި ފްރޭމަކަށް ލާންވެސް ރީތި ޑިޒައިނެކެވެ. އެހެންނަމަވެސް އޭގައި ކާރިކާރީގައި ވާ ދެހިތުގެ ތެރޭގައި އޮތް ނަން ދެކެ ރީމާވީ ފޫއްސަކުން ކަންނޭގެއެވެ. އެއަށްވުރެ އޭނައަށް ހުތުރު އެއްވެސް ކާޑެއް ފެނިފައި ނުވާ ކަހަލައެވެ. އޭނާކާޑަށް އެންމެ ފަހު ފަހަރަށް ފޫހި ނަޒަރަކުން ބަލާލާފައި ޝްރެޑަރ ތެރެއަށް ވައްޓާލިއެވެ. އޭގައިވާ ދެހިތުގެ ޑިޒައިން ރޮދިފަށް ތަކެއްހެން ކެފިގެން ދިޔައިރު ސާޖިދުގެ ނަންހ ަމައޮތްގޮތަށް ހަލާކު ނުވެއޮތެވެ. މިއީ އޭނާގެ ހިތުގެ ހާލުވެސް ހުރިގޮތޭ އޭނާގެ ހިތަށްއެރިއެވެ.

ޒާހިދު ފެނުމުން ރީމާއަށް ފުރަތަމަ އެއީ ކާކުކަމެއް ނޭގުނެވެ. ފަހުންއޭނާ ކިޔާ ދިނުމުން ސަން އައިލެންޑަށް އެމީހުންނާއެކު ދަތުރު ދިޔަ ލޯންޗުން ޒާހިދާ ދިމާވިހަނދާން ވިއެވެ.

“އަހަރެންނަކީ މިހާރު ސާޖިދުގެ ޒާތީ ދުޝްމަނެއް.” ޒާހިދު ފާޅުގައި ބުނލިއެވެ. “އަހަރެން ރީމާއަށް ދެރަ ގޮތެއް ވާތަން ދެކޭކަށް ބޭނުމެއް ނުވޭ.”

“ޒާހިދު ބުނަން ތިޔަ އުޅޭ އެއްޗެއްގެ މާނަ އަހަންނަށް އެބަވިސްނޭ” ރީމާ ވަރަށް ވިސްނުން ތެރިކަމާއެކު ބުންޏެވެ. “އެކަމަކު އަހަރެން ސާޖިދުއަކަށް ނަފްރަތެއް ނުކުރަން. އަދި ހިތުގެ އަޑިން ރުޅިއެއްވެސް ނުވަމު. އެހެން ނޫނަސް މީހެއްގެ ކިބައިން ބަދަލުހިފުމަށްޓަކައި އެއްވެސްކަމެއް ކުރާކަށް ބޭނުމެއް ނޫން.”

“ސާޖިދުގެ އަތުގައި ވާވަރުގެ މުއްސަނދިކަމާއި ފެންވަރު އަހަރެންގެ ނެތީމާ ރީމާ އެގޮތް ގަބޫލު ނުކުރާނެކަން އަހަންނަށްވެސް އެނގޭ.” ޒާހިދުނާއުންމީދުވެފައި ބުންޏެވެ. “އެފެންވަރު ހުރިނަމަ ޒިލްމާވެސް އަހަންނަށް ހާސިލްކުރެވުނީސް.”.

“ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ލޯތްބަކީ ފައިސާއާއި ފެންވަރު ފާހަގަކުރަން އޮންނަ މީޓަރެއް ނޫން.” ރީމާ އޭނާ ދެކޭގޮތް އޮޅުން ފިލުވާދިނެވެ. “އަހަރެން ސާޖިދާ ރައްޓެހިވީ އާދައިގެ ކުންފުންޏެއްގެ މެނޭޖަރެއްގެ ގޮތުގައި ހުއްޓައެވެ. ފަހަރެއްގައި އޭނާއަކީ މިލިއަނަރަކަށް ވެދާނެ މީހެއްކަމެއް ހީކޮށެއް ނޫން ބަދަލުހިފުމަށް ނުވަތަ އެނޫންވެސް މަގުސަދެއްއޮވެގެން އުފައްދާ ގުޅުމެއްގައި ލޯތްބަކަށް ދިރިއެއް ނޯވެވޭނެ. ހަގީގީ ލޯތްބެއް އުފެދެނީ އޭގައި ސަބަބެއް، މަގުސަދެއް އަދި އަމިއްލަ ބޭނުމެއް ނޯންނަ ނަމަ. އޭގައި އެފަދައެއްވެސް އެހެންބާވަތެއް އެކުލެވޭނަމަ އެލޯބީގައި ނުސާފުކަމެއް ހުންނާނެ. އަސްލު ރަނުގައި އެހެން ބާވަތެއްގެ މައުދަނެއް ނުހުންނާނެ. “

ޒާހިދަށް ދެވޭނެ ޖަވާބެއް ނެތެވެ. އެއީ ވަރަށް ބޮޑުތެދެކެވެ. ހުރިހާވެސް މަސްއަލައަކީ ޒިލްމާއާ މެދު އޭނާގެ ހިތުގައިވެސް އެފަދަ ލޯތްބެއް އުފެދުނުކަމެވެ. ބިރުގަންނަނީ ޒިލްމާގެ ކިބައިންފެނުނު ބޭވަފާތެރި ކަމުގެ އެއްވެސް ކަމަކުން އޭނާގެ ހިތުގައި އުފެދުނު އެލޯބި ފޮހެވިގެން ނުދިޔައިމައެވެ. ނާކާމިޔާބު ލޯތްބެއްގެ ފުރަގަހުގައި ބަދަލްހިފުމުގެ ޝުއޫރު އޮންނަކަން ޒާހިދުވެސްދަނެއެވެ. އެހެންނަމަވެސް މިހާވަރު ވެދާނެކަމަކަށް އެނާ ހީކޮށް ފައެއްނެތެވެ.

ޕްރިންސަސް ޑަޔަނާގެ ވެޑިންގް ޓޭޕަށް ބަލަހައްޓައިގެން ޒިލްމާއިނެވެ. ޑަޔަނާގެ ވެޑިންގްޑްރެސް ގައިހުރި ކޮންމެ ރުލަކަށް ރުލެއް ކޮންމެ ހިޔަންޏެއް އެ ހެދުމުގައި ލާދިނުމަށް ޝަމްލާ ކުރެން އޭނާ އެދުނެވެ. ނަސަންދުރާގެ ވެޑިންގް އަށް ދިޔަ ރޭންފެށިގެން އެރޭ އެތަނުގައި ކާވެނިކުރި ކުއްޖާގެ ހެދުމުގެ މަތިން ހިތަށް އަރަމުން ދިޔައެވެ. އެހެދުން ފެހީ ކާކުކަން ވެސް އޭނާ ހޯދިއެވެ. އެއަށްވުރެން ރީތިހެދުމެއް ފައްސަން އޭނާ ބޭނުންވިއެވެ. ވެޑިންގް ކާރޑް ޗާޕްކޮށް ނިމިއްޖެއެވެ. ލިސްޓްލިޔެ ބަހަންވެސް ހަވާލުކޮށްފިއެވެ. ރެއެއް ދުވާލެއްނެތި ނުނިދާ ޒިލްމާ މިހުރިހާ ކަމެއްކުރަމުން ދިޔައީ އޭނާގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރިދުވަސް އަންނާނެ ދުވަހަށެވެ. އަދި އެއީ މިގަރުނުގ އެންމެ ފަހުދުވަސް ވެސް މެއެވެ. އެހާ ދުވަހަށް ވެސް އޭނާއަކަށް ކެތްކުރެވޭކަށް ނެތެވެ. މި އަދުގެ މި ސިކުންތުވެސް އޭނާއަށް ވަނީ ލަސްވެފައެވެ.

ސާޖިދުގެ މަސައްކަތް މިވަގުތު ހުރިގޮތުން ބްލޫޕާރލްގެ ފަހުގެ ރިސަރޗް ހެދުމަށް އަވަދިނެތި އުޅޭތީ ކާވެނީގެ ކަންތައް ރާވަނީ ޒިލްމާއާއެވެ. ސާޖިދު އެކަމަކާއެއް ނޫޅެއެވެ.

އުފާވެރިކަމާއި ހިތުގެއެދުން އިންތިހާއަށް ދިއުމުން ނޭގޭ ބާވަތެއްގެ ބިރުވެރި ކަމެއް ޒިލްމާގެ ހިތުގައި އުފެދިފައި ހުރެއެވެ. ނިދޭއިރަށް ސިއްސައިގެންގޮސް ހޭލުން ގިނަވާން ފަށައިފިއެވެ. އަނެއްކާ މީހަކު ސިހުރެއް ހަދަނީ ނޫންބާއެވެ. އޭނާ އެކަމާ ކަންބޮޑުވެގެން ވާހަކަދެއްކީމަ ފަންޑިތަވެރިޔަކު އެކަންޔަގީންކޮށް ދިނެވެ.

ދުވަސް ކާރިވަމުން އައިވަރަކަށް މިކަންތައް ބޮޑުވެގެން ޒިލްމާއަށް ބައެއްފަހަރު ނޭވާލާން ދަތިވާހިސާބަށް ދިޔައެވެ. ހީވަނީ އަބަދު މެއަށް ބަރުދަނެއް އަރުވާފައި ހުންނަހެންނެވެ. ލަގޮނޑީގައި ދައްޗެއް ތިއްބާފައި ހުންނަހެންވެސް ބައެއްފަހަރުހީވެއެވެ.

ކާވެނީގެ ރަންކިޔަން އޮތްދުވަހެވެ. ޒިލްމާ އަނބުރައިގަތީ އޭގެ ކުޑައިރުކޮޅެއްގެ ކުރީގައެވެ. ހެކިވެރިން އައިއިރު ޒިލްމާ އޮތީހޮސްޕިޓަލް ގައެވެ.

ޑޮކްޓަރުންގެ ފުރިހަމަ ސަމާލުކަމާއެކު ބެލިހުރިހާބެލުންތަކުން ޒިލްމާގެ ބަލީގެ ސިއްރު އެމީހުންނަށް އެނގިއްޖެއެވެ. އަދި ކަންބޮޑުވެފައި ހުރި ސާޖިދުގެ ގާތުގައި މަޑުމަޑުންބޭރު އަންހެން ޑޮކްޓަރަކު އައިސްބުންޏެވެ.

“ސާޖިދު ކަންބޮޑު ނުވޭ!.” އޭނާ އުފަލުން ހުރެ އިގިރޭސިބަހުންބުންޏެވެ. ކޮންގުރޭޗުލޭޝަން………….. ޔޫހޭވް ބިކަމްއަ ފާދަރ!.”…”

އާ ޓެލެފޯން އެކްސްޗޭންޖް ގުޅާލުމުގެ މަސައްކަތް ހަލުއި ކަމާއެކު ކުރަމުން ދިޔަ ނަމަވެސް ރީމާގެ ސިކުނޑީގެ ބޮޑުބައެއް ފުރިފައިވަނީ ކުރެވެން މިއުޅޭ އޮޕަރޭޝަންގެ ޚިޔާލުތަކުންނެވެ. މިއީ އުނދަގޫ އަދި ބޮޑު ސަރޖަރީއެކެވެ. ސިންގަޕޯރގެ ރަފްލްސް ހޮސްޕިޓަލްގެ ނިއުރޯ ސަރޖަރީއާބެހޭ އެންމެ މަތީ ޑޮކްޓަރ ބުނެފައިވަނީ އެއް މޭލު ދުރުން އަފްނޯސްކަށްޓެއްގެ ތުނޑަށް ލައްވާލާގޮތަށް ރެފްލެކްސް ކޮށް ވަޒަނެއް ފޮނުވާލުން ފަދަ ކަމެއް. އެންމެ ބޮޑު މަސްއަލަކީ ލޮލުގެ ނާރު ހުރީ އެ މަސްއަލަ ހުރިތަނުގެ ކުރިމަތީގައި. އެއްވެސް ދިމާއަކުން އެހިސާބަށް ވާސިލްވެވޭނެ ސީދާ މަގެއް ނެތްކަމެވެ.

މިކަމާ ރީމާ މިހާރަކު ވިސްނާކަށް މިހާރަކު ބޭނުމެއްނުވެއެވެ. ދިރިހުރުމުގެ ފެށުމާއި ނިމުންވެސް އެއީ ސިކުންތެއްގެ ދެ ފަޅިއެވެ. އެއީ ލޯބީގެ ފެށުމާއި ނިމުން ވެސް އަންނަ ފަދައިންނެވެ. އެއް ސިކުންތަކު ދިރިހުރުން އޭގެ އެންމެ ފުރިމަ ވެފައި ހުރެދާނެވެ. އެގޮތަށް ލޯބިވެސް އޭގެ އެންމެ ތާޒާކަންމަތީ ހުރެދާނެވެ. ލޯތްބަކީ ސިކުނޑީގެ ކެމިކަލްއަށް އަންނަ ބަދަލެއް ކަމަށް ކޮންމެވެސް ފޮތަކުން އޭނާ ވަނީ ކިޔާފައެވެ. ޑޮކްޓަރ ޒިޔާން އެއްފަހަރަކު ބުނެފައިވެއެވެ. “ސިކުނޑީގެ އެއްވެސް ކެމިކަލެއް އެއީ އަބަދު އެއްގޮތަކަށް ހުންނަ އެއްޗެއް ނޫން . އެއީ ހަމަ ކުއްލިއަކަށްވެސް އެގޮތް މިގޮތަށް ބަދަލުވެގެން ހިނގައިދާނެ އެއްޗެއް ” އޭނާ އަދިވެސް ބުންޏެވެ. “މުޅި އިންސާނާއަކީވެސް ފެނާއި ލޮނާއި އެހެނިހެން ކެމިކަލް ތަކުން އެކުލެވިފައިވާ އެއްޗެއް. އޭގެ ބައިތައް ވަނީ ކޮންމެ ސިކުންތަކުވެސް ބަދަލުވޭވޭ.”

އެއީ ރީމާގެ ތަޖްރިބާގައިވެސް މިހާރު ހުރި ކަމެކެވެ. އޭނާގެ ސިކުނޑިއަށް މިވަގުތު ވަނީ ބޮޑުބަދަލެއް އައިސްފައެވެ. އެއް އިރެއްގައި އޭނާގެ ސިކުޑީގެ ކެމިކަލްތަކަށްވެސް މީހެއްގެ ފަރާތުން ބަދަލުތަކެއް އައިސްފައިވެއެވެ. އެ ބަދަލު އެހެން ގޮތަކަށް ބަދަލުކޮށްލީވެސް ހަމަ އެފަރާތުންނެވެ. ޚިޔާލުތަކުގެ ސިލްސިލާ ކުރިއަށް ދަނިކޮށް ކުއްލިއަކަށް އައި ފޯނެއް އަނެއްކާވެސް ރީމާގެ ސިކުނޑިއަށް އައި ތޫފާނަކަށް ވިއެވެ.

ސާޖިދުގެ ފޯން ވަރަށް ކުރެވެ. “އަހަންނާ ޒިލްމާގެ ކަނޑައެޅިފައިވާ ކާވެނި ކެންސަލްވެއްޖެ.” އޭނާ ރީމާގެ ޖަވާބަކަށް އިންތިޒާރެއް ނުކުރެވެ. “ހުރިހާކަމެއް އޮޅުންފިލުވާދޭން ބޭނުން. އެކަމަކު ކުއްލިއަކަށް މިރޭ ފުރަން އެބަޖެހޭ. ފޯނަކުން މިވާހަކައެއް ނުދެއްކޭނެ. 9 ޖަހާއިރު ޓްރެންޑްސް އިން ބައްދަލު ވެދާނެ.”

އިރުއޮއްސި އަނދިރިވާން ފެށިވަގުތެވެ. ޗާނދަނީމަގުގެ އެންމެ ކޮޅުގައިވާ ހަނިގޯޅިއެކެވެ. ސައިކަލްތަކާއި ބައިސްކަލްތައް ކޮޅުކޮޅަށް ދުއްވައެވެ. ތަންތަންކޮޅުގައި ފުނިޖެހިގެން ތިބި ޒުވާނުންގެ ގްރޫޕްތަކެއް ވަކި މަގްސަދެއްނެތި ފޯރިގަދަ ވާހަކަތަކެއްގައި ތިއްބެވެ. މަގުމަތިން ހިނގާފައިދާ ކޮންމެއަންހެން ކުއްޖަކާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނެލުމަކީ އުފަލެއްކަމަށް ދެކޭ ގްރޫޕެއް ވެސްއޮތެވެ.

އެކަނިމާއެކަނި ހިގާފައިދިޔަ ޒިލްމާއަށް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވެއެވެ. ބައެއްކުދިން ތުބުންފުމެލައެވެ. ބައެއް ކުދިން ކޮންމެވެސް އެއްޗެއް ބުނެލައެވެ. “ރައްޓެހިވާން ކެރޭނެތަ؟” އެއްކުއްޖަކު އަހާލިއެވެ. ބައިސްކަލުގައި ދިޔަ ދެކުއްޖަކު ޒިލްމާއާކާރިކޮށްލާފާ ވާހަކަ އަޅުވާލަންވެސް އުޅުނެވެ.

މިއީ މިއަދު ޒިލްމާއަކަށް އާކަމަކަށް ނުވެއެވެ. އެންމެންގެ ނަޒަރާއި ބަދުނާމު އޭނާއަށް އަމާޒުވާ ހެންހީވިއެވެ. އޮފީހަށް ދާން ނުކެރުނު ތާނގައި ފޯނުކޮށްފައި މީހަކަށް ގުޅާލާކަށްވެސް ނުކެރުނެވެ. މަހަކު -/ 4000ރ. ގެ ކުއްޔަށް ދައްކައިގެން އުޅުނު ގޭން ނުކުތީވެސް މަހުކުލިވެސް ނުދެއްކޭނެކަން އެނގޭތީއެވެ. އޮފީހުން ލިބުނު މުސާރައިން އެކަނި އޭނާ ލާ ފެޝަން ހެދުންތަކާއި ޖަހާ އަގުބޮޑު ސެންޓާއި ދެންވެސް ބޭނުންކުރާ ރީތިގަހަނާތައް ގަނެވޭނެ ވަރެއް ނުވެއެވެ..

ހުސްނީ ހަމަލޮލަށް ނުފެނުނު ތާނގައި ފޯނުންވެސް ގުޅޭނެ ގޮތެއް ނުވިއެވެ. ސާޖިދުގެ އެއްވެސް އެހީއެއް ނުލިބެއެވެ. އޭނާގެ އެތައް އިންޒާރަކާއި ގަދައެޅުމަށް ފަހުގައިވެސް ސާޖިދުކުރީ އިންކާރެވެ. ޒާހިދުގެ ފަރާތުން ޒިލްމާއާ ބެހޭ ހުރިހާ މައުލޫމާތެއް ސާޖިދަށްވަނީ އެނގިފައެވެ. އަދި އޮފީސް ކުޑަދޮރުލައްޕަން އައިރޭ ހުސްނީގެ ދޮރުމަތިން ޒިލްމާގެންދިޔަ ރޭ ކަންތައްވީ ގޮތްވެސް މިހާރު ސާޖިދަށް އޮޅުންފިލައިފިއެވެ. އެއީ ސާޖިދުގެ ދަރިއެއް ނޫންކަން އޭނާއަށް މިހާރު ޔަގީންވެއެވެ. ޒިލްމާގެ ހަގީގަތް އެނގުމުގެ ފަހުން އޭނަޔާ ކާވެނި ކުރެވޭކަށް ވެސް ނޯންނާނެއެވެ. ކޮންމެ ގޮތަކަށް ޒިލްމާ ކަންތައް ކުރިޔަސް ހެޔޮކަމަށް އޭނާ އެކާވެނި އެވަގުތުން ފެށިގެން ކެންސަލްކޮށްފިއެވެ.

މިއަދު ޒިލްމާއަށް ހުރިހާމަގެއް ބެދެން ފަށައިފިއެވެ. ބަނޑުގެ އުސްމިން ފޮރުވުމަށް ބަންނަ ފޮތިތަކަށް އޮބެހެއްޓޭ ވަރެއްނުވެއެވެ. އަޅާވޭނުން ކޮޅަށް ހުންނަން ކެރޭ ވަރެއްވެސް ނުވެއެވެ. ކުރިއްސުރެ ރައްޓެހިގެއެއްގެ ކުޑ ކޮޓަރިއެއްގައި ތިން ހަތަރުމީހުންނާއެކު ބިންމަތީގައި ނިދަންޖެހިފައިވާތީ މިސިއްރު ފޮރުވޭނީ ކިހާދުވަހެއް ވަންދެން ބާއޭ އޭނާގެހިތަށް އަރައެވެ.

ދަންނަހާ ބަޔަކަށް ގުޅާގުޅާ ވަރުބަލި ވެއްޖެއެވެ. ހިލޭބައެއްގެ އެހީގައި ކައިގެން ބޮއިގެން އުޅޭނީ ކިހިނެއްހެއްޔެވެ. ލާރި ހުރިހެން ހީވާހާ ބަޔަކަށް އެކ ނަންނަމުގައި ގުޅަމުން ގެންދިޔައެވެ. މީހަކު ބުނެގެން ވިލާގައި އުޅުއްވާ އަލީއަކާވެސް ގުޅިއެވެ. އަދި އޭނާ އުޅެނީ ދިރާގުގައި ކަމަށްވެސް ބުންޏެވެ. އަދި އެހެން ނަމެއްގައި ގުޅާފައި ވަޒީފާއެއް ދޭށޭވެސް އަލީ ގާތުބުންޏެވެ. މިއިންއެއްވެސް ކޯލަކުން އަލިމަގެއް ނުފެނެއެވެ. ގޭގެ ކޮޓަރިއަށް ހިލޭ ފިރިހެނުން ވަދެ އުޅުމަކީ ގޭ މީހުން ރުހޭ ކަމެއްނޫނެވެ. މަދުމަދުން ޓެކްސީ ޑްރައިވަރުންގެ އޯޑަރަށް ތަންތަނަށް ދެވެއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ލާރިލިބެއެވެ. ގިނަ މީހުންގެ ފަރާތުން ލިބެނީ ލަނޑެވެ. ހަތަރު ފަސްމީހުންގެ ގްރޫޕެއް ބޭނުންހާ ގޮތެއް ހަދާފައި އެންމެ ލާރިއެއް ނުދީ ފޮނުވާލާ ފަހަރުވެސް އާދެއެވެ.

ހަދާނެ އެއްވެސް ގޮތެއް ނެތިގެން އެންމެފަހުން އޭނާ އޮފީހަށް ގުޅާލިއެވެ. ފޯންނެގީ ޒީނިޔާއެވެ. “ޒާހިދުއާ ގުޅާލެވިދާނެތަ؟”

ޒީނިޔާ ޒާހިދަށް ފޯންޕާސް ކޮށްލިއެވެ. އެއީކާކުގެ އަޑެއްކަން ޒީނިޔާއަށް އެނގެއެވެ. އެހެންކަމުން ނުރުހުމުގެ ނަޒަރަކުން ޒާހިދާ ދިމާއަށް ނުބަލަން ޒީނިޔާ އަނެއްފަރާތައް އެނބުރިލިއެވެ.