ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސް އިން އައްޑޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރު ތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭސް އޭވިއޭޝަނުން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދަތުރުތައް މެދު ކަނޑާލާފައިވުމަށް ފަހު އަލުން ދަތުރުތައް އައްޑޫއަށް ފަށާއިރު ޝެޑިއުލް ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާ އަކުވެސް ހޮނިހިރު ދުވަހުގައި ކަމަށް ސްރީލަންކަން އިން ބުނެއެވެ.
އަލުން ދަތުރުތައް ފަށާއިރު އައްޑޫއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓްގެ އަގަކީ (ދިވެހިންނަށް) 271 އޫއެސްޑޮލަރެވެ. އަދި ގަމުން ދުބާއީ އަށް 487 ޔޫއެސް ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު ގަން/ ޑާކާ/ މާލެ ޓިކެޓްގެ އަގަކީ 490 ޔޫއެސް ޑޮލަރެވެ. މީގެ އިތުރުން ވެސް އިތުރު ގިނަ މަންޒިލް ތަކަށް ސްރީލަންކަން އިން ދަތުރު ކުރެވޭނެ ކަަމަށް އެ އެއާލައިނުން ބުނެއެވެ.
ސްރީލަންކަން އެއާލައިންގެ ދަތުރުތައް އައްޑޫ އަށް އަލުން ފަށަން ތައްޔާރުވަމުން އަންނަ އިރު ކޮވިޑް 19 އާއި ގުޅިގެން ބަންދުކޮށްފައިވާ އައްޑޫގެ ރިސޯޓުތައް ވެސް އަލުން ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރިން ހަފްތާ އަކު ތިން ދުވަހު ކޮލޮމްބޯ އާއި އައްޑޫ ސިޓީ ގަމާއި ދޭތެރޭ ކުރެވެމުން އައި ވައިގެ ދަތުރުތަކަކީ އައްޑޫގެ ޢާންމު ދިރިއުޅުމާއި، ފަތުރުވެރިކަމާއި ވިޔަފާރިއަށް ބޮޑެތި ލުއިތަކެއް ގެނެސްދިން އަދި ކުރިއެރުންތަކެއް ހޯދައިދިން މުހިއްމު ތަރައްޤީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އައްޑޫސިޓީގެ ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވާފައިވަނީ ނޮވެމްބަރު 1، 2016 ގައެވެ. އަދި ކޮލަމްބޯއިން ގަމަށް ދަތުރުތައް ފަށާފައިވަނީ ޑިސެމްބަރު 1، 2016 ގައެވެ.