English Edition
Dhivehi Edition
ގއ. ވިލިގިނލި-

ގއ. ވިލިނގިލި ބަނދަރު މަޝްރޫޢުގެ ފޭސް-3 ގެ މަސައްކަތް ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މި ގޮތުން ސައުދު ވަނީ ވިލިނގިލި ބަނދަރު މަޝްރޫޢުގެ ފޭސް-3 ގެ މަސައްކަތުގެ ތެރޭގައި ހިމެނޭ، ބަނދަރުގެ އެއްގަމުތޮށި ސީދާކޮށް ރިވެޓްމެންޓް ޖެހުމާއި، ބަނދަރު މަގު ފުޅާކުރުމާއި، އެއްގަމު ތޮއްޓާއި ބޭރު ތޮށީގައި ލައިޓްޖެހުމުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ، އަދި ބޭރު ތޮށި ކައިރީގައި ކުދި އުޅަނދުފަހަރު އެޅުމަށް ހަދަންޖެހޭ ޕްލެޓް ފޯމްގެ މަސައްކަތާއި، ބަނދަރުގެ ޓީ ޖެޓީ ކާގޯ ޖެޓީއެއްގެ ގޮތުގައި މުދާ އުފުލާ ދޯނި ފަހަރާއި ބޮޑެތި ބޯޓު ފަހަރު ފަސޭހަކަމާއެކު ކައިރިކުރެވޭ ގޮތަށް ޑިޒައިންކޮށް މަސައްކަތް ފެށުމަށް ރޭވިފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނުފެށި ލަސްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން ސައުދު ވަނީ މި މަޝްރޫއުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ރާވާފައިވަނީ ކިހިނެއްތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.

މީގެ އިތުރުން ސައުދު ވަނީ ލިނގިލި ބަނދަރު މަޝްރޫޢުގެ ބޭރުތޮށި ލުމުގައި ރައްޔިތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މި ގޮތުން ސައުދު ވަނީ ބޭރުތޮށީގެ އުތުރުފަރާތު ނެރުގެ ފިޔަކަށި ޖެހުމާއި އެ ނެރުގެ އުތުރުފަރާތު ބޭރުތޮށި ބޭރުކުރުމާއި، ބަނދަރުގެ ދެކުނުފަރާތު ބޭރުތޮށީގެ އުސްމިން ބަނދަރުގެ އުތުރުފަރާތު ބޭރުތޮށީގެ އުސްމިނާ އެއްމިންގަނޑަކަށް އުސްކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ، އަދި ބޭރުތޮށީގެ މައްޗަށް ރާޅުއަރައި ވެލިގަނޑު ދެމިގެންދާ މައްސަލައާއި، ބަނދަރުގެ އެތެރެއިން ވެލިގަނޑު ނަގާ ފުންކުރުންފަދަ ނުނިމިހުރި މިކަންކަން ނިންމުން ލަސްވަނީ ކީއްވެތޯ ސުވާލުކޮށް ސައުދުވަނީ މިމަސައްކަތްތައް ކުރުމަށް ރާވާފައިވާ ގޮތާއި ބެހޭ ގޮތުން ސުވާލުކުރައްވާފައެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މި މާޝްރޫއުގެ މަސައްކަތްތައް ކުރުމަށްޓަކައި 13 ޖޫން 2021 ގައި ކޮންޓްރެކްޓުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ބަނދަރު ހަދަން ފެށިއިރު ބަނދަރުގެ ބޭރު ތޮށި އޮތީ އެއްކޮށް ހިލަ “ބްރޭކްވޯޓަރ” އެއް ގޮތަށް ކަމަށާއި ކައުންސިލުގެ އެދުމުގެ މަތިން ބަދަލުތަކެއް ގެނެސް، މެދަށް ވެލި އެޅުމަށްފަހު ދެފަރާތުން ހިލަ ޖައްސާގޮތަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ. އޭރުވެސް އެ ވެލިތައް ފައިބައިގެން ގޮސްދާނެކަން މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށާއި، އެ މައްސަލަ ފަހުން ދިމާވެގެން އަލުން އެ މައްސަލަވެސް ހައްލުކުރަން ޖެހުނުކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ބަނދަރުގެ ކީވޯލް ސީދާ ކޮށްދިނުމާއި، ބަނދަރުގެ ޓީޖެޓީ ހިމެނޭ ސަރަަޙައްދުގައި 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތް އީއައިއޭއަކާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މަޝްރޫގައި ކުރަންޖެހޭ މަސައްކަތްތަކަށް ބަލާއިރު އީއައިއޭ ހަދަންޖެހޭ ކަހަލަ ބައެއް މަސައްކަތްތައް ހިމެނޭކަން ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދ އީއައިއޭގެ މަސައްކަތް ނިމުމުން ފޭސް 3 ގެ މަސައްކަތް ފެށިގެންދާނެކަމަށާއި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިމިގެންދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

50 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމުގައި ވާ ގޮތަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ،