ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޑރ. ޒިޔާދުބާގިރާއި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެ ތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލައިގައި ޑރ.ޒިޔާދުގެ މައްޗަށް ދަޢުވާ އުފުލި އިރު އެމައްސަލާގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް އެ ދައުވާގައިހިމަނާފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ޒިޔާދުގެ ފަރާތުން ކޯޓުގައި ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުންކަމަށެވެ.
މިއަދު ހުކުމް އިއްވަމުން ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާ ބޮޑު އެއްޗެއް ނޭނގޭ ކަން އެނގެން އޮތް ކަމަށާއި މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ޚާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާއި އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެހުކުމުގައި އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަންވެސް ހާމަކޮށްފައިވެއެވެ.