English Edition
Dhivehi Edition
ޑރ. ޝަހީމް ހުތުބާ ދެއްވަނީ
އެއްވެސް ހިފަހެއްޓުމެއް ނެތި ބޭނުން ގޮތަކަށް ހުކުރު ހުތުބާ ކިޔަން ދޫކޮށްލައިފި ނަމަ، ރާއްޖޭގައި ދީނީ ގޮތުން ނުތަނަވަސްކަން އުފެދި ބައިބައިވުމަށް ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހުރިހާ މިސްކިތެއްގައި އެއް ހުތުބާއެއް ކިޔުމުގެ ބަދަލުގައި، އެކަމަށް ގާބިލު މީހުންނަށް އަމިއްލަ މައުލޫއުތަކަށް ހުތުބާ ދިނުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ތައްޔާރުކޮށްގެން ކިޔުމުގެ އިލްމީ ގާބިލުކަން ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ނުބަލާ ހުތުބާ ކިޔުމުގެ ހުއްދަ މިހާރުވެސް ބައެއް އިލްމުވެރިންނަށް އޮތް ނަމަވެސް، އޭގެ ތެރެއިން ބައެއް ބޭފުޅުން ހުތުބާ ދިގުކުރެއްވުމުގެ ސަބަބުން އާންމުންގެ މަސްލަހަތަށް ބުރޫއަރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހައްދެއް ނެތި އެންމެންނަށް އެ ފުރުސަތު ހުޅުވާލައިފި ނަމަ ނުކުންނަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކި މިސްކިތްތަކުގައި ތަފާތު ފިކުރުތަކަށް ހުތުބާ ދޭ ގައުމުތަކުގައި މަޒުހަބީ އަރާރުންތައް އުފެދި، ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުސޫލަކީ ދީނީ އެއްބައިވަންތަކަން ހިފެހެއްޓުމަށް ކުރީގެ ވެރިން ގާއިމުކޮށްދެއްވާފައިވާ ހަރުދަނާ ނިޒާމެއް ކަމަށާއި، މި ނިޒާމު ދޫކޮށްލައި، ގައުމު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަން ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.