English Edition
Dhivehi Edition

އިސްލާމީ ގައުމުތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރާއި ހަވާލުވުމަށް ކައުންސިލްތަކަށް ވަކި މުއްދަތެއް ދީފިއެވެ.

މިހާތަނަށް ކަދުރާއި ހަވާލުވެފައިނުވާ ކައުންސިލްތަކުން، މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން މާލޭގައި ހުންނެވި ބޭފުޅަކު ހަމަޖެއްސެވުމަށްފަހު، މިނިސްޓްރީއަށް ކަދުރާއި ހަވާލުވުމަށް ފޮނުއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މުޅި ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ކައުންސިލްތަކުން ކަދުރާ ޙަވާލުވެ، ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީން އެދޭ ކަމެއްކަމަށާއި މިކަން ކައުންސިލް މެދުވެރިކޮށް ހަމަޖެއްސެވުމަށް އެދިވަޑައިގަންވާކަމުގައެވެ.

“ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ މިހާރުގެ ހާލަތަށް ރިޢާޔަތްކޮތް މި މުއްދަތުގެ ނިޔަލަށް ހަވާލުނުވެ ހުންނަ ކަދުރު، ކޮވިޑް-19 އާއި ގުޅިގެން މަސައްކަތުގެ ގޮތުން އެކަހެރިވެފައި ތިބި މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި އަދި މީގެ އިތުރުން ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިވާ ބިދޭސީން ތިބި ފެސިލިޓީތަކަށް ދިނުމަކީ މުހިއްމުކަމެއް ކަމުގައެވެ.

މިއަހަރު ރަމަޟާން މަހު ރާއްޖެއަށް ބެހުމަށް ކަދުރު ލިބިފައިވަނީ، ސައުދީ އަރަބިއްޔާގެ ސަރުކާރުންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ގެ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަނުންނެވެ.

މާލެ ސަރަހައްދުގެ ގޭގެއަށް ކަދުރު ބެހުމަށް ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓަރީ ޓީމުން ނުކުމެ، އިސްލާމިކް މިނިސްޓްރީ އިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް ކަދުރު ބަހައި ނިންމާފައިވާކަމަށް ޔޫތު މިނިސްޓްރީންވަނީ ބުނެފައެވެ.