އިސްލާމިކް މިނިސްޓްރީން އެކި ފަރާތްތަކަށް ދައްކަންޖެހިފައި އޮތް 27 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ވަޒީރުންގެ ފުރަަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އަހާ” ނަމުގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވެވަޑައިގެންނެވިއިރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަރަނި 27 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ 2 ހަފްތާގެ ތެރޭގައި ދަރަނިދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
“މިއީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫއުތަކަށް ނުދައްކާ ހުރި ފައިސާ. އިސްލާމިކް މިނިސްޓްރީން އެކި ފަރާތްތަކަށް ދޭންޖެހި ނުދެވި އޮތް 27 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވީ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައި ގައުމު އޮއްވާ އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި” ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާދެއްކުމާއެކު ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށާފައިވާކަމަށާއި އަދި ލަސްތަކެއް ނުވެ އެތަންތަނުން ޚިދުމަތް ލިބޭނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ރަށްރަށުގައި ހުރި އިސްލާމިކް ސެންޓަރުތައް މިދިޔަ ވެރިކަމުގައި ހުރީ ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވެ އެ ތަންތަނުގައި އިލްމީ މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި މިހާރު ބައެއް ތަންތަނުގައި ކިޔަވައިދޭން ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި 700 އެއްހާ މިސްކިތް ހުރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ މި ސަރުކާރުން މިސްކިތްތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހެއް އުފައްދަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.