English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވެފައިވާ މި ދަނޑިވަޅަކީ ސަބަބުތަކުގައި ހިފައިގެން ﷲ އަށް ވަކީލުކުރަންވީ ވަގުތު ކަމުގައި އިސްލާމިކް މިނިސްޓަރ، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މިއަދު މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ޚަބަރަކީ ވަރަށް ހިތާމަވެރި ޚަބަރެއް ކަމަށެވެ. އަދި މިވަގުތަކީ ކެތްތެރިވެ، ސަރުކާރުން ދޭ އިރުޝާދުތަކަށް ބޯލަނބައި އަމިއްލަ ނަފްސާ ތިމާގެ އަޚާގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

“ﷲގެ ރަޙުމަތަށް އުއްމީދުކުރަންވީ ވަގުތު. ސަބަބުތަކުގައި ހިފައިގެން ﷲ އަށް ވަކީލުކުރަންވީ ވަގުތު.”، މިނިސްޓަރ ވިދާޅުވި އެވެ.

ޑރ. އަޙްމަދު ޒާހިރު މިހެން ވިދާޅުވިއިރު، އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.

އަދި އެޗްޕީއޭ އިން ބުނީ ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން، ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު މިއަދު މާލެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައެވެ،

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް އެރީއެވެ. އެއީ 15 ބިދޭސީންނާއި ހަ ދިވެހިންނެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 16 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.