ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޤައުމީ ޤުރްއާން މުބާރާތުގައި އައްޑޫސިޓީން ބައިވެރިވާނެ ކުދިން ހޮވުމަށް ބޭއްވި އޮޑިޝަން ނިންމާލައިފިއެވެ.
މިމަހުގެ 23ން 27 އަށް ކުރިއަށްދިޔަ މި އޮޑިޝަންގައި އައްޑޫސިޓީގެ 15 ސްކޫލަކުން 450 ދަރިވަރަކު ވާދަކޮށްފައިވެއެވެ. މުބާރާތުގެ ޤަވާޢިދު ތަންދޭގޮތުން މީގެ ތެރެއިން ޤައުމީ މުބާރާތަށް ހޮވާފައިވަނީ 30 ކުދިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 20 ދަރިވަރަކާއި ނުބަލާ ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނެވެ.
34 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ޤަވާއިދު ގައިވާ ގޮތުން އަތޮޅުތަކުން މުބާރާތުގައި ވާދަ ކުރެވޭނީ އެންމެ 30 ކުދިންނަށެވެ. އައްޑޫސިޓީއަކީ އަތޮޅުތަކުގެ ނިސްބަތުންވެސް އާބާދީ ބޮޑުވެފައި ކިޔަވާ ކުދިންވެސް ގިނަ ސިޓީއަކަށް ވުމުން ޤަވާއިދު މިގޮތަށް ހެދިފައި އޮތުމަކީ އިންސާފެއް ނޫންކަމަށް ބުނެ އައްޑޫސިޓީގެ ގިނަ ބަޔަކު މިކަމާ ޝަކުވާ ކުރަމުން އަންނައިރު މިއީ އައްޑޫސިޓީ ކައުންސިލުންވެސް ކަންބޮޑުވާ މައްސަލައެއްކަމަށް އެކައުންސިލުން ވިދާޅުވެފައިވެއެވެ.
“އަޅުގަނޑުމެން ކަންބޮޑުވަން މާލޭގެ ސްކޫލްތަކުން 15 ކުދީންނަށް ފުރުސަތު އޮވެފައި ރަށްރަށުގެ ސްކޫލްތަކަށް އެފުރުސަތު ހަނިވެފައި އޮތުމުން. މުޅި ސިޓީން އެންމެ 30 ކުދިންނަށް ފުރުސަތު ލިބުމަކީ އިންސާފެއްނޫން.” އައްޑޫސިޓީ މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ޢަދާލާ ރަޝީދު.
ޢަދާލާ ވިދާޅުވީ ވަގުތު ނެތުމުގެ ސަބަބުން މިއަހަރު މިގޮތަށް އޮޑިޝަން ބާއްވަން ނިންމެވި ނަމަވެސް އަންނަ އަހަރު އައްޑޫސިޓީގައި އެންމެނަށް ވާދަކުރެވޭ ޤުރުއާން މުބާރާތެއް ބޭއްވުމާއި މެދު ކައުންސިލުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
34 ވަނަ ޤައުމީ ޤުރްއާން މުބާރާތް އޮންނަނީ ވާޗުއަލް ކޮށެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޤުރްއާނާއި ބެހޭ މަރުކަޒްގެ ޕޯޓަލްގައި ރަޖިސްޓްރީ ވާން ހުޅުވާލި އެންމެ ފަހު ފުރުސަތު އަންގާރަ ދުވަހު ވަނީ ހަމަވެފައެވެ.
މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށްދާނީ 15 ނޮވެމްބަރ 2021 ން 28 ނޮވެމްބަރ 2021ގެ ނިޔަލަށެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިއަށްދާނީ 19 ޑިސެންބަރ 2021ން 25 ޑިސެންބަރ 2021 ގެ ނިޔަލަށެވެ.