އައްޑޫ ސިޓީ ހިތަދޫ “ގާލެންޑް” ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގޭގެ ބޮޑުބައެއް އަނދަައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ގޭގައި އަލިފާން ރޯވި ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:11 ގައި ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަކަމަށެވެ. އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރުއެވެ.
ސޯޝަލް މީޑިއާގައި ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ހިއްސާކޮށްފައިވާ ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ އެއީ މޯޑު ދިރިއުޅުއްވާ ގެ ކަމަށާއި ހާދިސާގައި މުޅިގެ އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި އެވަގުތު ގޭގައި ދިރިއުޅޭ މީހުން ސަަލާމަތް ވި ނަމަވެސް ގޭގައި ބޭނުންކުރާ އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު ކަމަށެވެ.
މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.