English Edition
Dhivehi Edition
ހުޅުމީދޫގައި ހުންނަ ފެރީޓާމިނަލް :ފޮޓޯ އިބްރާހިމް ޢަބްދުﷲ

އައްޑޫސިޓީ ހިތަދޫ ގެ ބަނދަރު ސަރަހައްދުގައި ފެރީ ޓާރމިނަލްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ޖެނުއަރީ 15 ވަނަ ދުވަހު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2025 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 2025 ޖަނަވަރީ 22 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމަޔަށް އެ އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް 300 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު ބިޑް ސެކިއުރީޓީގެ ގޮތުގައި 11،000.00ރ ހުށަހަޅަން ޖެހޭނެކަމަށް އިއުލާނުގައި ބުނެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނަނީ 2025 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގައެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 06 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

ހިތަދޫ ބަނދަރު ސަރަހައްދުގައި ފެރީ ޓާމިނަލެއް ނެތުމުގެ ޝަކުވާއަކީ ގިނަ ބަޔަކު ކުރަމުން އަންނަ ދުވަސްވީ ޝަކުވާއެކެވެ. އައްޑޫގެ ފޭދޫ އަދި ހުޅުމީދޫގައި އެމްޓީސީސީން ފެރީ ޓާމިނަލް ހަދާފައިވީނަމަވެސް ހިތަދޫގައި އެފަދަ ތަނެއް ނެތުމުން ފެރީއިން ދަތުރުކުރާ މީހުންނަށް ގިނަ ތަކުލީފުތަކާކުރިމަތިލާން ޖެހެއެވެ.

އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ހިތަދޫގައި ފެރީޓާމިނަލެއް ހެދުމުގެ މަސައްކަތް މިހާރު ކައުންސިލުން އިސް ނަގައިގެން ކުރަން ފެށީ ކަމަށާއި މިއީ ހުޅުމީދޫ އަދި ހިތަދޫ އާއި ދެމެދު ފެރީ ދަތުރު ކުރާ މީހުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހައަކަށް ވާނެކަމަށެވެ.