ސާކްސަމިޓަށް އައްޑޫއަށް ގެނައި ބަދަލަކުން ވެސް މާ ބޮޑު ފައިދާއެއް އައްޑޫ ރައްޔިތުންނަށް ނުލިބޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެ، ބަހުގެ ހަމަލާ ދެއްވާފައިވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހިތަދޫ ދެކުނު ދާއިރާގެ ޑޯޓުޑޯ ހަރަކާތަށްފަހު ރައްޔިތުންނާ ވާހަކަދައްކަވަމުން ނެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ސާކް ސަމިޓު ބާއްވަން ވެގެން ކުރި މަސައްކަތްތަކަށް ފާޑު ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް ވެސް ކުރި ކަންތައް ކުރެވިފައި އެ ހުރީ ދާއިމީ ހައްލެއް ލިބޭ ގޮތަކަށް ނޫން ކަމަށެވެ.
“މަގު ހެދުން ކަމުގައި ވިޔަސް އަދި އެ ނޫން ކަންތައްތައް ކަމަށް ވިޔަސް. އަދި ސާކް ސަމިޓު ނިމިގެން ދިޔައިރުގައި ވެގެން ދިޔަ ގޮތް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެތާ ހުރި ގޮނޑިކޮޅަށް އެއްޗެހި ހިފައިގެން ސަރުކާރުން އެ ތަނުން ފައިބައިގެން ދިޔައީ،” ރައީސް ސާލިހު ވިދާޅުވި އެވެ.
ރައީސް ސާލިހު ވިދާޅުވީ އެއާ ޚިލާފަށް މި ސަރުކާރުން ގެންނަ ތަރައްގީއަކީ އުފުރައިލައިގެން ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނުގެ ހަތަރު އަހަރުގެ ތެރޭ އައްޑޫއަށް ތަރައްގީ ގެނެވިފައިވާ މިންވަރަށް އެހެން އެއްވެސް ސަރުކާރަކަށް އައްޑޫ ތަރައްގީކޮށްދެވިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވ.
އެއީ ދައުލަތުގެ ލިޔެކިޔުންތަކުން ފެންނާނެ ހަގީގަތެއް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.
ރައީސް ސާލިހު ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ފަށަނީ އަސާސީ ޚިދުމަތްތައް ވެސް ފުއްދަވައިދެއްވައި، ކަށަވަރުކުރައްވަމުން ކަމަށެވެ.