ރާއްޖޭގައި މީޑިއާ އާއި ގުޅުން ހުރި އެކިއެކި މަސައްކަތް ތަކުގައި މިންތީގެ ހަމަހަމަކަން ގެންގުޅުމާ ގުޅޭގޮތުގެ ތަަމްރީނު ޕްރޮގްރާމު ތަކެއް ފަށައިފިއެވެ.
ޔުނެސްކޯ އާއި އައްޑޫވިމެންސް އެސޯސިއޭޝަން ގުޅިގެން ދިއްލީ މެޓްރޯޕޮލިޓަން އެޑިޔުކޭޝަން ޖީޖީއެސްއައިޕީ ޔުނިވަރިސޓީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ “ސްޓްރެންތިން އަ ޖެންޑަރ ސެންސިޓިވް މީޑިއާ އިން މޯލްޑިވްސް” ޓްރެއިނިން އަކީ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޓީއޯޓީ ޕްރޮގްރާމެކެވެ.
އިއްޔެ ފެށި މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވަނީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދު އާއި ވަން އޮންލައިންގެ ޗެއަރޕަރސަން މިންހާ ފާއިޒު އަދި ފްރީލާންސް ކޮށް މަސައްކަތް ކުރައްވާ ނޫސްވެރިއެއް ކަމަށްވާ ޝައުފާ ހުސެއިން ގެ އިތުރުން އޮސްޓްރޭލިއާގައި މަތީ ތައުލީމު ހޯދަމުން އަންނަ، ދަރިވަރެއްކަމަށް ވާ މޫސާ ރައްޔާން ޝާހިދެވެ.
މިއީ ރާއްޖޭގެ މީޑިއާތަކުގައި ކުރެވޭ ކޮންމެ މަސައްކަތަކީ މިންތީގެ ހަމަހަމަކަމާއެކު ކުރެވޭ މަސައްކަތަކަށް ހެދުމާއި މީޑިއާގައި އަންހެނުންގެ ރޯލު ފުޅާކުރުމުގެ އިތުރުން މީޑިއާގެ މަސައްކަތުގައި އަންހެނުންނަށް ދިމާވާ ޖިންސީ ފުރައްސާރަފަދަ ކަންތައްތަކުން ސަލާމަތްވެ އަމާން ވެއްޓެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ހޯދައި ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި އެއް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ ޖެންޑަރ މިނިސްޓްރީން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީއޯޓީ ހަދާ 4 ބައިވެރިންނާއެކު މިމަހުގެ 24 އިން 30 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ކޮށެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 15 ބައިވެރިންނާއެކު ތަމްރީނު ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދެވޭނެއެވެ. އެ ޕްރޮގްރާމަށް ފަހު އައްޑޫސިޓީގައި އޭގެ 2 ވަނަ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނާއި، އިޝްތިހާރު ތައްޔާރުކުރާ ފަރާތްތަކާއި، ފިލްމު އުފައްދާ ފަރާތްތަކުގެ އިތުރުން މީޑިއާ އާއިގުޅުން ހުރި ދާއިރާ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.
މި ޕްރޮގްރާމުގައި ޓީއޯޓީ ފުރިހަމަ ކުރާ 4 ނޫސްވެރިންގެ އެންމެ ފަހުގެ ތަމްރީނު ޕްރޮގްރާމު އޮންނާނީ ދިއްލީ މެޓްރޯޕޮލިޓަން އެޑިޔުކޭޝަން ޖީޖީއެސްއައިޕީ ޔުނިވަރިސިޓީ ގައެވެ.
މީގެ ކުރިން އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ ޔުނެސްކޯއާއި ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސުވޯން) އަދި އިންޑިއާގެ ނިއުދިއްލީގެ އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިޔުނިކޭޝަން އާއި ގުޅިގެން ކުރިއަށް ގެންދިޔަ، މީޑިއާގައި އަންހެނުންގެ ރޯލާ ގުޅޭ ގޮތުން ސާކުގައުމުތަކުން ތައްޔާރުކުރި ބޭސްލައިން ސަރވޭގައި ބައިވެރިވެ ރާއްޖޭގައި ވެސް ސަރވޭ ކުރިއަށް ގެންގޮސް މީޑިއާ ގައިޑްލައިނެއް ތައްޔާރުކޮށްފައެވެ.
މި ގައިޑްލައިން ތައްޔާރުކުރުމުގައި އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާގެ އިތުރުން ސުވޯން ޕްރޮޖެކްޓް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އަވައިން ކަނޑައަޅާފައިވާ މީޑިއާ ބޯޑުމެމްބަރުން ވަނީ ހަރަކާތްތެރިވެފައެވެ.
އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ގައިޑްލައިން ދިވެހިބަހަަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ކަމަށާއި ޓީއޯޓީ ގެ ތެރޭގައި ކުރިއަށްދާ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މި ގައިޑްލައިންގެ ކޮޕީއެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން މީޑިއާއާއި ގުޅުންހުރި ހުރިހާ މުއައްސަސާ އަކާއި މި ގައިޑްލައިން ހިއްސާ ކުރައްވަވާނެ ކަމަށްވެސް ޑރ ޝަކީލާ ވިދާޅުވިއެވެ.