ރާއްޖޭގައި މީޑިއާ އާއި ގުޅުން ހުރި އެކިއެކި މަސައްކަތް ތަކުގައި ދެ ޖިންސުގެ ހަމަހަމަކަން ގެންގުޅުމާ ގުޅޭގޮތުންނާއި ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކޮށް، މީޑިއާގެ ދައުރު ފުޅާކުރުމަށް ރާއްޖޭގެ މީޑިއާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ޓީއޯޓީ ނިންމާލައިފިއެވެ.
ޔުނެސްކޯ އާއި އައްޑޫވިމެންސް އެސޯސިއޭޝަން ގުޅިގެން ދިއްލީ މެޓްރޯޕޮލިޓަން އެޑިޔުކޭޝަން ޖީޖީއެސްއައިޕީ ޔުނިވަރިސޓީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ “ސްޓްރެންތިން އަ ޖެންޑަރ ސެންސިޓިވް މީޑިއާ އިން މޯލްޑިވްސް” އަކީ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޓީއޯޓީ ޕްރޮގްރާމެކެވެ.
ހަތް ދުވަހުގެ މުއްދަތަށް މިއަދު ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވެފައިވަނީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދު އާއި ވަން މީޑިއާ ގްރޫޕުގެ ޗެއަރޕަރސަން މިންހާ ފާއިޒް ރަޝާދާއި ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަންގެ ހަޒާންދާރު މޫސާ ރައްޔާން ޝާހިދުގެ އިތުރުން ޕަބްލިކް ރިލޭޝަންސް ތަޖުރިބާކާރު ޝައުފާ ހުސައިނެވެ. މީގެ އިތުރުން މި ޕްރޮގްރާމުގައި ރާއްޖޭގެ ހޮސްޓުގެ ގޮތުގައި ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގެންނެވި އިރު، އިންޑިއާގެ ހޮސްޓުގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޑީއެމްއީގެ ވައިސް ޗެއާމަން އަމަން ސަހްނީއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުވުމުގެ މައުޟޫއުގެ ދަށުން އަންހެނުން ބާރުވެރިކުރުމަށް މީޑިއާއަށް އަދާކުރެވޭނެ މުހިންމު ދައުރާ ގުޅޭގޮތުން ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް މުޖުތަމައުގެ ތެރޭގައި ދެ ޖިންސުގެ ވިސްނުން ބަދަލުކުރުމާއި، މީޑިއާގައި ހަމަހަމަކަމާއެކު ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުވުމާއި، ޑިޖިޓަލް މީޑިއާ އާއި ފިލްމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ހަމަހަމަކަމަށް ވަކާލާތުކުރުމާ ގުޅޭގޮތުން ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަމަ މިއާއެކު ، ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތަކާއި މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.