English Edition
Dhivehi Edition
ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް

ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކޮށް މުޖުތަމަޢުގެ އިސްސަފުގައި މަސައްކަތްކުރާނެގޮތުގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ހިންގާ ” ކެޕޭސިޓީ ބިލްޑިންގ ލީޑަރޝިޕް ގެ ދެވަނަ ތަމްރީން ޕްރޮގްރާމް ޖޫން 26، 27 މި ދެދުވަހު އައްޑޫގައި ބާއްވައިފިއެވެ.

“ކެޕޭސިޓީ ވޯކްޝޮޕް ފޯ ވިމެން ޓު ރައިޒް އިން ޕޮލިޓިކަލް އެންޑް ލީޑަރޝިޕް ޕްރޮގްރާމަކީ އޭޝިއާ ފައުންޑޭޝަން ގެ އެހީތެރިކަމާއެކު ކުރީގެ ހެލްތު މިނިސްޓަރ އަދި ސިމްޑީ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ އައްޑޫ ވިމެންސް އެސޯސިއޭޝަނުން އައްޑޫސިޓީގައި ހިންގާ ޕްރޮގްރާމެކެވެ.

6 މަސް ދުވަހަށް ހިންގާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ އައްޑޫސިޓީއިން ހޮވާލެވުނު 35 އަންހެނުންނެވެ. އެގޮތުން ލީޑަރޝިޕް ރޯލްތަކަށާއި އަދި ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ހުރި އުއްމީދީ ފަރާތްތަކާއި، އައްޑޫސިޓީގެ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުވައްސަސާތަކުގެ ވެރިންނާއި އިސްސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި އައްޑޫސިޓީގެ ބައެއް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސާއި އަދި ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަވަ އިން މަޢުލޫމާތު ދެއްވާގޮތުގައި މި ޕްރޮގްރާމަށް މީހުން ހޮވުމުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި ، އެންޖީއޯތަކާއި ޑަބްލިއުޑީސީއިން ހިންގާ ހަރަކާތްތަކާއި އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގެ ބައިވެރިވުމާއި ޙަރަކާތްތެރިކަން އިތުރު ފަރާތްތަކަށް އިސްކަންދީފައިވެއެވެ.

ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕްގެ ބައެއް ބައިވެރިން/ ފޮޓޯ އަވަ ޖަމްޢިއްޔާ

މި ސިލްސިލާގެ މަގްސަދަކީ ސިޔާސީ މައިދާންތަކުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް ، މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެންނާނެ ބަޔަކު އުފެއްދުމާއެކު، އިންތިޚާބުކުރެވޭ މަޤާމްތަކަށް ވާދަކުރުމުގެ ޝައުޤު އުފައްދައި އިސްސަފުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު ފޯރުކޮށްދީ އެރޮނގުން ހަރުދަނާ ޝަޚްޞިއްޔަތުތަކެއް ބިނާކުރުންކަމަށް އަވަ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

ކެޕޭސިޓީ ވޯކްޝޮޕް ފޯ ވިމެން ޓު ރައިޒް އިން ޕޮލިޓިކަލް އެންޑް ލީޑަރޝިޕް ޕްރޮގްރާމް ބައްޓަންވެފައިވާ ގޮތުން މިސިލްސިލާގެ ތެރެއިން ސިޔާސީ މައިދާނުގައި އަންހެނުން ކާމިޔާބު ހޯދުމަށް ބޭނުންވާ މުޢާސަލާތީ ހުނަރުތަކާއި ކުރިއަށް ދިއުމުގައި އަންހެނުންނަށް ހުރި ހުރަސްތައް ގިރާނެ ކުރާނެ ގޮތާއި،ކާމިޔާބު ކެންޕޭނެއް ހިންގާނެ ގޮތުގެ އިރުޝާދާއި، މުޢާމަލާތު ކުރުމުގެ ހުނަރުތަކާއި، އަންހެނުންނަށް ކުރާ ގޯނާތަކުން އަރައިގަންނާނެ ގޮތާއި ނަފްސާނީ ދުޅަހެޔޮކަމާއި،ގާނޫނީ މަރްޙަލާތަކާއި ކުރިމަތިލާނެގޮތާއި، ކެންޕޭންތަކަށް ފައިސާހޯދާނެ ގޮތާއި، އަންހެނުންނަށް މުޖުތަމަޢުން ހަމަހަމަ ފުރުޞަތު ހޯދޭނެ ގޮތްތަކާބެހޭގޮތުން ޢިލްމީ މަޢުލޫމާތާއި ،ޢަމަލީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދެވެއެވެ.

އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ބައެއް އެކްސްކޯ މެންބަރުން/ފޮޓޯ: އަވަ ޖަމްޢިއްޔާ

މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް އޮތީ ފެބްރުއަރީ މަހުގެ ތެރޭ ގަމުގެ އީކުއޭޓަރ ވިލެޖް ބްލޫ ލެގޫންގައެވެ. ދެވަނަ ޕްރޮގްރާމް އައްޑޫސިޓީ ކައުންސިލްގައި ބޭއްވިއިރު މި ސިލްސިލާގެ އިތުރު ޕްރޮގްރާމްތައް ކުރިއަށްއޮތްތާނގައިވެސް އޮންނާނެ ކަމަށް އައްޑޫ ވިމެންސް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ރާއްޖޭގެ އިސް މަގާމުތަކުން އެކަށީގެންވާވަރަށް އަންހެނުން ނުފެނުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި އެކަމުން ދޭހަވެގެންދަނީ އަންހެނުން ބާރުވެރިކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ކަމަށެވެ. މީގެކުރިން ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަކީލާ ވިދާޅުވީ އެކަމަނާވެސް އެއަތޮޅަކަށް ނިސްބަތްވާ އައްޑޫގެ އަންހެނުންނަކީ ވަރަށް ކުޅަދާނަ ގާބިލް ކެރޭ ބައެއް ކަމަށާއި އެހެންނަމަވެސް ކަންކަމަށް ފަސްޖެހޭތަން މެދުވެރިވަމުންދާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

“އަޅުގަނޑުގެ އިލްތިމާސްއަކީ ފަސްނުޖެހޭށޭ، ކެރިގެން ކުރިމަތިލާށޭ. އެގޮތަށް ހިތްވަރާއެކު ކުރިމަތިލައިގެން ނާކާމިޔާބުވެއްޖެނަމަވެސް ހިތްވަރު އެލުވާނުލައި އެއީ ކުރިއަށް ދިއުމަށް ލިބުނު އިތުރު ބާރެއް ކަމަށް ދެކިގެން އަވަހަށް ތެދުވެ ދުއްވައިގަންނަންވީ. ” ޝަކީލާ ވިދާޅުވިއެވެ.

އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ރައީސާ އާއި ބައެއް ބައިވެރިން/ފޮޓޯ އަވަ ޖަމްޢިއްޔާ

އައްޑޫ ވިމެންސް އެސޯސިއޭޝަންއަކީ އަންހެނުންގެ ފަންނީ ގާބިލްކަން އިތުރުކޮށްދިނުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް އައްޑޫސިޓީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ވަރަށް ޙަރަކާތްތެރި ޖަމްޢިއްޔާއެކެވެ.