English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

މިނިމަމްވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ސަރުކާރާ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 15،000ހަށްވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫއަށް ވަޑައިގެން އެ ރަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަސް ފެށިގެން ދާނީ އެންމެ މިނިމަމް ވޭޖު ކަނޑައެޅިގެން ކަމަށެވެ، މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަން ނިންމާފައިވާ އެއް މަސައްކަތް ކަން ފާހަގަކުރައްމުން ރައީސް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައްޔިތުންނަށް ވީ ވައުދެއް ކަމަށެވެ،

އިތުރަށް ރައީސް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވަނީ ހުރިހާ ފަރާތަކާ މަޝްވަރާކޮށް އޭގެ އެންމެ ފައިނަލް ނިންމުން، ނިންމުމުގެ މަސައްކަތްކަމަށެވެ، އަދި މިހާރު ހުށަހެޅިފައި އޮތް ހުށަހެޅުމުގައިވާ ގޮތުގެ މަތީން ސަރުކާރާ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 15،000ހަށްވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު 13،000ހަށްވުރެ ގިނަ ރިސޯޓު މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ ޖެނުއަރީ މަސް ފެށިގެން ދާއިރު މުސާރައަށް އަންނަ ބަދަލުތަކާއެކު ވަރަށް ބޮޑު ކުރިއެރުމެއް ސިވިލް ސާވިސްގެ މުވައްޒަފުންނަށްވެސް ލިބިގެންދާންކަން ފާހަގަކުރައްވާފައެވެ،