English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދިވެހި ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑުން އަރައިގަނެވޭނެކަމުގެ އުންމީދު އޮތް ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް، މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުކުޅަސް ފަދަ އާމްދަނީ ހޯދުމަށް ފަތުރުވެރިކަމަށް ބަރޯސާވާ ރަށްތަކަށް ކަމަށެވެ. އަދި ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް އިން އަރައިގަނެވޭނެކަމުގެ އުންމީދު އޮތް ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އުކުޅަހު ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ އެބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އަދި އުކުޅަހު ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާކަމަށް ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަށް ރައީސް ވަނީ އަލިއަޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.