English Edition
Dhivehi Edition

އދ. ގެ ތަރައްޤީ އާއި ބެހޭ ޖަމްޢިއްޔާ ޔޫއެންޑީޕީ އާއި ކޮމިއުނިޓީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވްސް ގުޅިގެން ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ ގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމް އަށްހާއްސަކޮއް މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން “ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕެއް” އައްޑޫސިޓީގައި ބާއްވައިފިއެވެ.

މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް މާލީ އެހީހޯދަން އެދޭ ފަރާތްތަކުން އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމާއި ޕްރޮޖެކްޓް ރާވައި ހިންގުމާއި އެފަދަ ކަންކަމުގައި ޖަމިއްޔާތަކުގެ ބައިވެރިވުމާއި ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގި މި ވޯކްޝޮޕް އޮތީ އައްޑޫސިޓީ ގަމުގެ އީކުއޭޓަރ ވިލެޖް ބްލޫލެގޫންގައެވެ. 3 ދުވަހަށް ކުރިއަށްދިޔަ މި ވޯކްޝޮޕް އޮތީ މިމަހުގެ 17 އިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޔޫއެންޑީޕީގެ އެހީއާއެކު ކުރިއަށްދިޔަ މިވޯކްޝޮޕްގައި ރާއްޖޭގެ ދެކުނުން ފުވައްމުލަކާއި އައްޑޫސިޓީ އަދި ގދ. ގެ ޖަމްޢިއްޔާތަކުން ބައިވެރިވިއިރު އޭގެ ތެރޭގައި ސަދަން ކޮމިއުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ސްކީމް، ވިމެން އޮފް ވިލް، ވޮއު، ނަލަފެހި، ހުޅުދޫ އެންޖިއޯ ގެ އިތުރުން ނައިފަރާއި މަގޫދޫގެ 2 ޖަމްޢިއްޔާއަކުން ބައިވެރިވެފައިވެއެވެ.އެކިއެކި ގްރާންޓް ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތްތަކުގެ މައްޗަށް މަޢުލޫމާތުދެވުނު ސެޝަން ތަކަށްފަހު މިވޯކްޝޮޕްގެ ތެރެއިން ބައިވެރިންވަނީ މުހިއްމު ގިނަ ކަންތައްތަކަކަށް އަމާޒުކޮށްގެން ޖުމްލަ 9 ޕްރޮޕޯސަލެއް ތައްޔާރުކޮށްފައެވެ.

ޔޫއެންޑީޕީގެ “ސްމޯލް ގްރާންޓް ޕްރޮގްރާމް”އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޔޫއެންޑީޕީން ވަނީ ބުނެފައެވެ. މިވޯކްޝޮޕްގެ ބައިވެރިން ތައްޔާރުކުރި ޕްރޮޕޯސަލްތައްވެސް އެފަދަ ގްރާންޓްތަކަށް ހުށަހެޅޭނެ ކަމަށާއި އޭގެ އިތުރުންވެސް މުޅިން އާ ޚިޔާލުތައް ނެރެ ރަނގަޅު ޕްރޮޕޯސަލް ތަކެއް ތައްޔާރު ކުރެވިދާނެ ކަމުގެ ޔަގީންކަން މި ވޯކްޝޮޕާއިއެކު ލިބިގެން ހިނގައްޖެ ކަމަށް ބައިވެރިން ވަނީ ހާމަކޮށްފައެވެ.

މިއަހަރުތެރޭ ފުވައްމުލަކުގައިވެސް ވަނީ މިފަދަ ކެޕޭސިޓީ ބިލްޑިންގް ގެ ވޯކްޝޮޕެއް ހިންގާފައެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ފެށުނީ ހއ. އިހަވަންދޫއިންނެވެ.މިއީ ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއްގެ ދަށުން ހިންގުނު ވޯކްޝޮޕެއްކަމަށް ޔޫއެންޑީޕީ އިން މަޢުލޫމާތު ދެއްވައެވެ.

ރާއްޖޭގައި 2400 އަށްވުރެ ގިނަ ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައި ވާއިރު އޭގެ ތެރެއިން ޢަމަލީގޮތުން ހަރަކާތްތެރިވަމުންދަނީ 700 އެއްހާ ޖަމްޢިއްޔާކަމަށް ޔޫތު މިނިސްޓްރީން ވެސް ވަނީ ހާމައކޮށްފައެވެ. މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީވެސް އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ޖަމްޢިއްޔާތަކަށް އަލުން ދިރުން ގެނެސް ހިނގައިގަތުމަށް އެހީތެރިވެދީ ޖަމްޢިއްޔާތައް ބާރުވެރިކުރުވައި، އެޖަމްޢިއްޔާތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުންކަމަށް ޔޫއެންޑީޕީ އިން ވަނީ ބުނެފައެވެ.

ގައުމީ ތަރައްގީއަށް ސަރުކާރުން ކަނޑައަޅާފައިވާ 5 އަހަރުގެ އޮނިގަނޑުގައި ވަނީ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް މުހިއްމު ޕްރޮގްރާމްތަކެއް ހިންގަން ރާވާފައެވެ. މި ޕްރޮގްރާމުގައި މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު 3 ކެޓެގަރީއެއް އެކުލަވާލާފައިވެއެވެ. އޭގެތެރޭގައި ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 200000 ރުފިޔާއާއި ހަމައަށް އެހީ ފޯރުކޮށްދެވޭއިރު ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.