English Edition
Dhivehi Edition
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާރޒް މުޙައްމަދު މާހިރު އީސާ - ފޮޓޯ: ހޯމް މިނިސްޓްރީ

ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމަށް ބުރާސްފަތި ދުވަހު ވަނީ މަސްލަހަތުވެރިންގެ މެދުގައި އޮންލައިން މަސައްކަތުބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ. މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާރޒް މުޙައްމަދު މާހިރު އީސާއެވެ.

ހޯމް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއީ ޔޫއެންޑީޕީގެ އިންޓެގްރޭޓަޑް ގަވަނަންސް ޕްރޮގްރާމްގެ ދަށުން ހޯމް މިނިސްޓްރީއާ ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މަސައްކަތުބައްދަލުވުމުގެ ބޭނުމަކީ މިވަގުތު މުޖުތަމައުގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރުން ކަމަށާއި، މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލުކޮށް، ކެމްޕެއިން މެދުވެރިކޮށް މުޖުތަމައުއަށް ދޭނެ މެސެޖްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 އާ ގުޅިގެން ހީނަރުވަމުން އަންނަ އިޖުތިމާޢީ ބަދަހިކަމާއި، މިކަމާ ގުޅިގެން މުޖުތަމައުއަށް ދިމާވާ މައްސަލަތަކާއި، މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށާއި، މަޝްވަރާތަކުގެ އަލީގައި މީޑިޔާ ކެމްޕެއިންގެ ތެރެއިން ދޭނެ މެސެޖްތައް ފާހަގަކޮށްފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އަދި މަސައްކަތު ބައްދަލުވުމުގެ ކުރިން އިޖުތިމާއީ ބަދަހިކަމާއި، ރާއްޖޭގެ މިހާރުގެ ހާލަތާގުޅޭ ގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، މަސައްކަތު ބައްދަލުވުމުގައި 30 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އޭގެތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާތައް، ގުޅުންހުރި އެހެން ފަރާތްތައްވެސް ހިމެނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އެން.ސީ.ޓީ.ސީއާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ޔޫއެންއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި، ލޭބަރ ރިލޭޝަން އޮތޯރިޓީއާއި، ބައެއް މަދަނީ ޖަމްއިއްޔާތައް ހިމެނެއެވެ.