English Edition
Dhivehi Edition
4 މަސް ކުރިން

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ “16 ޑޭސް އޮފް އެކްޓިވިޒަމް އަގެއިންސްޓް ޖެންޑަރ ބޭސްޑް ވައިލެންސް” ކެމްޕޭންގެ ޙަރަކާތެއްގެ ގޮތުން، ފެމިލީ ލީގަލް ކްލިނިކް އާއި، އ.ދ.ގެ ތަރައްޤީ އާ ބެހޭ ޖަމްޢިއްޔާ (ޔޫ.އެން.ޑީ.ޕީ) އަދި އުރީދޫ ގުޅިގެން، “އާޓް ފޮރ އެކްޝަން” ގެ ނަމުގައި ކުރެހުމުގެ ކެމްޕޭނެއް ހުޅުވާލާފިއެވެ.

މި ކެމްޕޭންގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، މިފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ޢަދުލުއިންޞާފު ހޯދައި ދެވޭނެ ގޮތްތަކާއި، އެފަރާތްތައް ބާރުވެރިކޮށް، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، އަންހެނުންނަށާއި ކުދިންނަށް މުޖުތަމަޢުގައި އޮންނަންޖެހޭ ރައްކާތެރިކަމާމެދު ކުރާ އުއްމީދުތަކާމެދު ޢާންމުންގެ ޝުޢޫރު ފާޅުކުރުމަށް ފުރުޞަތު ހުޅުވާލުމެވެ. މި ކެމްޕޭނަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، 14 ނޮވެމްބަރ 2020 ގެ ނިޔަލަށެވެ.

Advt

Advertisement

މި ކުރެހުމުގެ ކެމްޕޭން ހުޅުވާލެވިފައިވަނީ ޢުމުރުން 16 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށެވެ. މި ކެމްޕޭނަށް ކުރެހުންތައް ހުށަހެޅުމުގައި ކޮންމެ ވަސީލަތެއްވެސް ބޭނުންކުރެވިދާނެއެވެ. އަދި ކުރެހުންތަކުން މައިގަނޑު ގޮތެއްގައި އަންނަނިވި ތިން ދާއިރާއަކުން ދާއިރާއަކަށް އަލިއަޅުވާލަންވާނެއެވެ:

  • ޢަދުލު އިންޞާފު: މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިވެގެން، އަނިޔާ ލިބޭ އަންހެނުންނަށް އިންޞާފު ހޯދައި ދެވޭނެ ގޮތްތައް؛ ނުވަތަ
  • ބާރުވެރިކުރުން: ޢާއިލާއާއި ރަޙްމަތްތެރިންގެ ހައިސިއްޔަތުން އަނިޔާ ލިބޭ އަންހެނުން ބާރުވެރިކޮށް، އެފަރާތްތަކަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް؛ ނުވަތަ
  • އުއްމީދު: އަންހެނުންނަށާއި ކުދިންނަށް މުޖުތަމަޢުގައި އޮންނަންޖެހޭ ރައްކާތެރިކަމާމެދު ކުރާ އުއްމީދުތައް

މި ކެމްޕޭނަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ފެމިލީ ލީގަލް ކްލިނިކް، ޔޫ.އެން.ޑީ.ޕީ، އަދި އުރީދޫގެ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޕެނަލް އަކުން 16 ކުރެހުމެއް ހޮވާނެއެވެ. އަދި މި 16 ފަރާތުގެ ކުރެހުންތައް ފެމިލީ ލީގަލް ކްލިނިކް، ޔޫ.އެން.ޑީ.ޕީ، އަދި އުރީދޫގެ ސޯޝަލް މީޑިއާގައި 25 ނޮވެމްބަރ 2020 އިން ފެށިގެން 10 ޑިސެމްބަރ 2020 ގެ ނިޔަލަށް ޝާއިރު ކުރެވޭނެއެވެ. އަދި މީގެ އިތުރުން އުރީދޫގެ ލެޑް ބޯޑުގައިވެސް މި 16 ކުރެހުން އިޝްތިހާރު ކުރެވޭނެއެވެ.

ކުރެހުންތައް ހުށަހެޅުމަށް، ކުރެހުން ކުރެހި ފަރާތުގެ ފުރިހަމަ ނަމާއި، ފޯން ނަންބަރ އަދި އުމުރާއި އެކު ހުށަހަޅާ ކުރެހުމާއި، އެއާ ބެހޭގޮތުން މަޢުލޫމާތު ކޮޅެއް ހިމެނޭ ގޮތަށް [email protected] ފޮނުވަންވާނެއެވެ.

ފެމިލީ ލީގަލް ކްލިނިކްއަކީ 2014 ވަނަ އަހަރުން ފެށިގެން ޢާއިލާއާބެހޭ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިލޭ ސާބަހަށް ޤާނޫނީ ލަފާ ފޯރުކޮށްދެމުންދާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ އެހީ ހޯދުމަށް ގުޅުއްވާނީ 9977771 އަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.