English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ބޫސްޓާ ޑޯޒްޖަހަން ފަށައިފިއެވެ.

ފުވައްމުލަައް ސިޓީ ޕަބްލިކް ހެލްތު ޔުނިޓުން ބުނީ ބޫސްޓާ ޑޯޒްޖެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން، ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 1:30 އިން ހަވީރު 4:00 އަށް ކަމަށެވެ. ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ހާމަކުރައްވާ ގޮތުގައި މިވަގުތު ބޫސްޓާ ޑޯޒް ޖެހުމަށް ކަނޑައަޅާފައި ވަނީ 60 އަަހަރުން މަތީގެ މީހުންނާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައި ވަނީ ބަލިޖެހުމުގެ ނުރައްކާ ބޮޑު މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ. މި ލަފާ ދީފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދޭން ނިންމީ ފައިޒާ ވެކްސިން އެކަންޏެވެ.

ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހި ފަހުން، ހަ މަސް ދުވަސް ވެފައިވާ ނަމަ އެވެ.