English Edition
Dhivehi Edition

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން އައްޑޫސިޓީގެ މީދޫ ކޯގަންނު ގަބުރުސްތާނު މަރާމާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ގަބުރުސްތާނުގައި ހަލާކުވެފައިވާ ހިރިގަލުގެ މަހާނަ ގާތަށް މަރާމާތުކުރުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖެގެ މއިންފޮމޭޝަން އޮފިސަރ ޙަސަން މުޙައްމަދު ވިދާޅުވީ ކޯގަންނުގައި މަރާމާތުކުރަންޖެހޭ ވަރަށް ގިނަ ތަންތަން ހުރި ކަމަށާއި އެންމެ އިސްކަމެއް ދީގެން މިފަހަރު މަސައްކަތް މިކުރީ ބޮޑަށް ހަލާކުވެފައިވާ މަހާނަގާތަށް މަރާމާތުކުރުން ކަމަށެވެ.

“މުޅިއެކު 7 ބިސްތާނަކަށް ބަހާލައިގެން ބިސްތާނުތަކުގައި ހުރި ގާތަކަށް ނަމްބަރު ތަކެއް ދީގެން ވަކި ތަރުތީބަކުން މަސައްކަތް މިކުރަނީ. ގިނަ ޒަމާންތަކެއް ވުމާއެކު ގުދުރަތީގޮތުން ހަލާކުވެފައިވާ މަހާނަގާތަކުގެ އިތުރުން ހަލާކުކޮށްލާފައިވާ ގާތަށް ވެސް މީގެ ތެރޭގައި ހިމެނޭ. މިދަތުރުގައި ބޮޑަށް މިބަލަނީ އެންމެ ބޮޑަށް ގެއްލުން ދީފައިވާ ބޮޑެތި ގާތަށް މަރާމާތު ކުރެވޭތޯ. އަދި ގާތަކުން ހަލާކުވެފައިވާ ބައިތައް ތަތްކޮށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ. ” ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

ހިރިގަލުގެ މަސައްކަތަށް ޚާއްޞަ ޓީމަކުން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ، ހަލާކުކޮށްފައިވާ މަހާނަ ގާތަކުގައި ހުރި ސިމެންތި ނަގައި ސާފުކޮށް އެކަމަށް ޚާއްޞަ ތެރަހެއް ބޭނުންކޮށްގެން ގާތަށް އެއްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން ކޯގަންނުގެ ހާލަތު ދަނެގަތުމުގެ މަސައްކަތް ވެސް މި ޓީމުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން އައްޑޫއަށް ކުރެއްވި މި ދަތުރުގައި އެ ޑިޕާޓްމަންޓްގެ ސްޓޭޓް މިނިސްޓަރ މަރިޔަމް އަޒުރާއާއި އިތުރު އޮފިޝަލުން ވަނީ ބައިވެރިވެލައްވަވާފައެވެ. މި ޓީމުން ވަނީ އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށް ކޯގަންނު ބެލެހެއްޓުމުގެ ކަންތައްތަކުގައި ހެރިޓޭޖް ސެންޓަރާއި އައްޑޫސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައިސް ކައުންސިލުން އެތަން ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން ރާއްޖޭގެ އާސާރީތަންތަން ހިމާޔަތްކޮށް ބެލެހެެއްޓުމަށް ކުރާ މަސައްކަތް ތަކުގެ ތެރެއިން މިދިޔަ ހަފްތާާގައި ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާވެސް ބައްދަލުކޮށްފައެވެ.

އާސާރީ ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިފަދަ ތަނެއް ފެނިއްޖެނަމަ ނުވަތަ މިފަދަ ތަނަކަށް ގެއްލުމެއް ލިބިފައިވާނަމަ އަވަހަށް އެކަމެއް ކަމާބެހޭ ފަރާތަށް އެންގެވުމަކީ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.،