English Edition
Dhivehi Edition
މީދޫ ކޯގަންނު ގަބުރުސްތާނުގެ ކީލަތަކަށް ގެއްލުން ދިނުން. ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީ މީދޫ ގަބުރުސްތާނުގެ ކީލަތަކަށް ބަޔަކު ގެއްލުން ދީފިއެވެ.

‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި މީހަކު ބުނީ ގަބުރުސްތާނުގެ ދެ ކީލަ އުފުރާލާފައިވާކަމަށެވެ. އަދި މީގެ ތެރެއިން އެއް ކީލަ ‘ރާފަޅާ ސަރަހައްދު’ގައި ހުރި ޖޯއްޔެއްގައި ބާއްވާފައިވާއިރު، ދެވަނަ ކީލަ އެއްލާލާފައިވަނީ ގޮނޑުދޮށަށްކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި މިކަން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް އެންގުމާއެކު، މި ކީލަތައް އަލުން މަހާނައިގައި ޖަހާފައިވާކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ،

‘އޭއޯ ނިއުސް’ އަށް މައުލޫމަތު ދެމުން މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާ ވިދާޅުވީ މި ކަމުގެ މައުލޫމާތު ލިބުމާއެކު މި މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާކަމަށެވެ. “ކީލައަށް ގެއްލުން ދީފައެއް ނެތް. އެކަމަކު މަހާނަތަކުން، ކީލަތައް ނަގާފަ ހުރީ. އެކަމަކު ހަގީގަތުގައި ކީލަތައް ނަގާކަށްވެސް ނުޖެހޭނެ. ފެނުނު މީހަކު ނެތް. ދެން އެ ތަނުގެ ޑިޒައިން ހުރި ގޮތުން އެ ތަނުގެ ހަތަރު ސެކިއުރިޓީއިން ތިއްބަސް މީހަކު އަނިޔާއެއް ދެންޏާ އަނިޔާ ދެވޭނެ ގޮތަށް އެ ހުރީ. އެއްވެސް ލައިޓެއް ނެތް. މަގާމުގައި ހަވާލުވި ދުވަހުން ފެށިގެން އެ ތަނުގައި ލައިޓް ޖެހުމުގެ މަސައްކަތް ކުރަމުން ދިޔައީ. ހަގީގަތުގައި މިނިސްޓްރީގެ ދަށުގައި އެތަން ހުރުމުން ކައުންސިލުން ބޭނުންވާ ގޮތަށް ކަންތައްތައް ނިންމާ ނަމަ. މިނިސްޓްރީއަށް ހުށަހަޅަންޖެހޭ.” ސޯލިހާ ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިހާ ބުނީ އޭނާ އަމިއްލަ ގޮތުން މިހާރު އެ ތަނުގައި ލައިޓްޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިހާރު ކޯޓަޝަންވެސް ނަގާފައިވާކަމަށެވެ. އަދި އެ ތަނުގައި ސެކިއުރިޓީ ހަޓެއްވެސް ނެތް ކަމަށާއި އެތަން ހެދުމަށްވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރު މި ތަނުގެ ސެކިއުރިޓީ ހަޓެއް ހެދިގެންދާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށްވެސް ސޯލިހާ ވިދާޅުވިއެވެ

މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް ސޯލިހާ ވިދާޅުވީ ސެކިއުރިޓީ ބަލަހައްޓާ ފަރާތާއި އަދި އެނޫންވެސް ފަރާތްތަކާއި ޖެހޭ މައްސަލަތަކުގެ ސަބަބުން ރަށުގެ ތަންތަނަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ދާދި ފަހުންވެސް ކޯގަންނު ގަބުރުސްތާނުގައި ހަދާފައިވާ ‘ދޯޅިދާންގެ’އަށް ބަޔަކު ވަނީ ގެއްލުންދީފައެވެ. މި ގޮތުން ‘ދޮޅިދާންގޭ’ ގެ ފާރުގެ އިތުރުން އެތަނުގެ ދޮރުގައިވެސް ކަޅުކުލައިން ލިޔެފައިވާއިރު އެ ތަނުގެ ނަން ބޯޑުވެސް ވަނީ ނަގާފައެވެ.މާކަރީ ލައިޓާއި، އުދެލި ފަދަ ތަކެތި ބެހެއްޓުމަށް ހަދާފައިވާ މި ތަނަށް ގެއްލުން ދިން މައްސަލަ ފުލުހުން ތަހުގީގުކަރަމުން އަންނައިރު މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ކޯގަންނު ގަބުރުސްތާނުގެ ކީލަތަކަށާއި މިސްކިތްތަކަށް ވަނީ ގެއްލުންދީފައެވެ.