ފުވައްމުލައް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ހެދުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ރައިސާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީއެވެ. އަދި ރައިސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އަލީ ސައީދު އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ހުޅަނގު ދެކުނުގައި އިތުރުކުރެވޭ މި ބައިގެ މަސައްކަތުގެ ޖުމްލަ އަގަކީ 4 މިލިޔަން ރުފިޔާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން ރައިސާ ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަކަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތަށް، އިތުރުކުރާ މި ބައިގައި ލެބޯޓްރީ އެއް ގާއިމުކުރުމަށް ނިންމާފައިވާއިރު އޯޕީޑީ ރޫމްތަކާއި ފިޒިއޮތެރަޕީ ޑިޕާޓްމެންޓް އެ ތަނަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ، މީގެ އިތުރުން އަލަށް އިމާރާތްކުރާ ބައިގައި ޕީސީއާރް ލެބްވެސް ގައިމުކުރުމަށް ނިންމާފައިވާއިރު މިއީ މި ސަރުކާރުން އެ ހޮސްޕިޓަލަށް އިތުރުކުރާ ދެވަނަ ބައެވެ. މީގެ ކުރިންވެސް ހޮސްޕިޓަލަށް އިތުރުކުރި ބައިގައި ވަނީ ޑައިލިސިސް ސެންޓަރަކާއި ބައެއް އެހެން ޚިދުމަތްތައް ގާއިމުކޮށްފައެވެ.
ފުވައްމުލައް ސިޓީ ހޮސްޕިޓަލަކީ ޓާޝަރީ ލެވެލްގެ ސަބް-ސްޕެޝަލިޓީ ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.