English Edition
Dhivehi Edition

ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން އައްޑޫ ސިޓި މީދޫގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ.

މީދޫ ކަނބަލުންގެ ޓީމަކުން އިސްނަގައިގެން އިއްޔެ ހަވީރު 16:30 އިން ފެށިގެން ކުރިއަށް ގެންދިޔަ މި މައުރަޒު ބާއްވާފައިވަނީ ގުލްފާމްވާދީ ގޯތިތެރޭގައެވެ. މި މައުރަޒާއި ބެހޭ ގޮތުން މިކަން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވި ހައްވާ މުހައްމަދު ބުނީ މިއީ ބޮޑު މައުރަޒެއްގެ ފެށުން ކަމަށާއި 2022 ވަނަ އަހަރު ކާބޯތަކެތީގެ ދުވަހާއި ގުޅުގެން މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން މައުރަޒެއް ބާއްވާނެކަމަށެވެ. “މިފަހަރު ބާއްވާ މި މައުރަޒަކީ ‘ފައްކަމަނާވަލި’ ކަނބަލުން އިސްނަގައިގެން ބާއްވާ މައުރަޒެއް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު މި މައުރަޒު މުޅި އައްޑޫ ސިޓީއަށް ހުޅުވާލަނަން” ހައްވާ މުހައްމަދު ބުންޏެވެ.

މީދޫގައި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތައްޔާރުކުރި މޭޒު

އިއްޔެ ކުރިއަށް ގެންދިޔަ މި މައުރަޒުގައި މޭވާ އާއި ތަރުކާރާގެ އިތުރުން ގިނަ އަދަދެއްގެ ތަކެތި ވަނީ ބައިވެރިކޮށްފައެވެ. މި މައުރަޒުގައި ކަނބަލުން ތައްޔާރުކޮށްފައިވާ ކާނާތައް ވިއްކުމާއި ދުވަހާއި ގުޅޭ މައުލޫމާތު ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މައުރަޒުގެ ބައިވެރިން ވަނީ މިއީ މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އިތުރަށް ކުރިއަށް ގެންދިއުމަށް ލިބިގެން ދިޔަ ހިތްވަރެއްކަމުގައި ބުނެފައެވެ.

މީދޫ އިޖްތިމާއީ މަސައްކަތްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވާ މި ޓީމުން ވަނީ މާމަ،ކާފަ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކޮށްފއެވެ.