ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިންއާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކާއި ރ.އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ބުދަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 215 ކިލޯ ހެރޮއިންއާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މީގެއިތުރުން ސީޕީ ވަނީ އެ އޮޕަރޭޝަނަށް އިންޑިއާ ސަރުކާރާއި އެމްއެންޑީއެފްއިން ވެދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިވެސް ދިހަ ތަނެއް ބަލައި ފާސްކޮށް 100 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފައެވެ. އަދި އެ މައްސަލައާ ގުޅިގެން ދިހަ މީހަކު ހައްޔަރު ކޮށްފައިވާއިރު މި މީހުންގެ ތެރޭގައި ހިމެނުނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސްވަނީ ޖަހާފައެވެ. އަދި ތިން މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އެކަކަށް ފަސް ދުވަސް ވަނީ ޖަހާފައެވެ. އެހެންނަމަވެސް މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.