ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭނަމަ، އެމީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަމަށް އެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.
ހެލްމެޓު އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށާއި، އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހެލްމެޓް އެޅުން ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި މާރާމާރީ އާންމުވެފައިވާއިރު، މިކަމަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި މާރާމާރިއާއި ޢާންމު ކުށްތައް މަދުކުރުމަށް ފުލުހުން އަންނަނީ ސިލްސިލާކޮށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.