މަސްތުވާތަކެއްޗާއެކު ދެ މީހަކާއި 17 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގ ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަސެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުޙައްމަދު އިވާން (23 އަހަރު) އަދި 17 އަހަރުގެ ކުއްޖެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. މީގެ އިތުރުން 24,110 ރުފިޔާވެސް އެ ގެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އަޙްމަދު ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލާފައިވައިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.