English Edition
Dhivehi Edition

ބައިނަލް އަޤްވާމީ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން ގދ. ހޯނޑެއްދޫގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ.

ގދ. ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށު ކައުންސިލާއި ގުޅިގެން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެރަށުގެ 09 ޓީމަކުން 09 ސްޓޯލް ހުށަހަޅާފައިވެއެވެ.

މި ސްޓޯލްތަކުގައި އާންމުކޮށް ދިވެހި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތި ހުށަހަޅާފައިވެއެވެ. މިސްޓޯލްތަކުގައި ހުށަހަޅާފައިވާ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި ލިބޭ އާމްދަނީގެ 10 އިންސައްތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ލިބޭނެއެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ސްޓޯލްތަކުން ހުށަހަޅާފައިވާ ކާބޯތަކެތީގެ ތެރެއިން އެންމެ މަގްބޫލު ތިން ޓީމަށް ގދ. ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިގެ ފަރާތުން ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެގޮތުން އެއްވަނަ އަށް ހޮވުނު (ޓިއުލިފް) އަށް 1،000 ރުފިޔާ، ދެވަނަ އަށް ހޮވުނު (ފުޑްކޯނަރ) އަށް 800 ރުފިޔާ އަދި ތިންވަނަ އަށް ހޮވުނު (ލިލީ) އަށް 500 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ. މިއިނާމުތައް ޓީމްތަކާއި ހަވާލުކޮށްދެއްވީ ހޯނޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ގދ. ހޯނޑެެއްދޫ “ވަޑިންދިހަރޭ މައިޒާނު”ގައި މިއަދު ހަވީރު 16:00 އިން 18:00 އަށެވެ.