English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާގެ ނޭޝަނަލް އެސެސްމަންޓު ފަށައިފިއެވެ.

ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުންގެ އުންގެނުމުގެ ފެންވަރު މަތިކުރުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން،ބާއްވާ މި އިމްތިޙާނުގައި ހޮވާލެވިފައިވާ 103 ސުކޫލެއްގެ 6407 ދަރިވަރުން މި އެސެސްމަންޓުގައި ބައިވެރިވެއެވެ.

މި އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުޙަލާގައި، އެދަރިވަރުން ޙާޞިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުމެވެ. މި މަޢުލޫމާތުގެ އަލީގައި ތަޢުލީމީ ގޮތުން ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ޤައުމީ ފެންވަރުގައި ދެނެގަނެވޭނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަކުރެވޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ އާއްމު ކޮއްފައެވެ.

މިއަދު މިފެށުނު އެސެސްމަންޓް، 2017 އޮކުޓޫބަރ 4 އާއި ހަމައަށް ކުރިއަށް ދާނެއެވެ.