ރާއްޖޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބައެއްް ގާނޫނުތައް ފާސްކުރުމަށްފަހު ފަހު ވެސް އެ ތަންފީޒުނުކުރެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ ގާނޫނެއް ހެދުމަށްފަހު އެ ގާނޫނެއް އެކަށީގެންވާ ގޮތެއްގައި ތަންފީޒުނުކުރެވޭނަމަ ގާނޫނު ހެދުމުގެ މަގްސަދު ހާސިލުނުވާކަމަށެވެ. އަދި ގާނޫނެއް ފާސްކުރުމަކުން އެ ހިސާބުން ނިމުނީ ނޫން ކަމަށާއި އަކުރުން އަކުރަށް އޭގެ މަގްސަދު ހާސިލްވާ ގޮތަށް ތަންފީޒުކުރަން ޖެހޭކަމަށެވެ.
“ގާނޫނެއް ތަންފީޒުވެގެން ނުދާނަމަ އެ ގާނޫނުގެ މަގްސަދެއް ހާސިލެއް ނުވާނެ. އެ ގާނޫނު ފާސްކުރުމުގެ ބޭނުން ގެއްލިގެންދާނެ،” މެމްބަރު ޝަރީފް ވިދާޅުވިއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މަވޯޓާ ވިދާޅުވީ ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ މުހިންމު ކަމެއްކަމަށާއި އަދި ހަރުދަނާ އުސޫލެއްްގެ ތެރެއިން އެ ކަންކަން ޔަގީންކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ މުހިންމު ބިލެއްކަމަށާއި އަދި ސަރުކާރުން އެ ބިލަށް ހުށަހަޅާ އިސްލާހުތަކަށް ފުރިހަމައަށް ތާއީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.