English Edition
Dhivehi Edition

ގދ. ތިނަދޫގައި ހުންނަ ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ގދ. ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 81 އަހަރުގެ ބަލިމީހާ ނިޔާވެފައި ވަނީ މިއަދު ރޭގަނޑު 21:20 ގައެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މި އަންހެން މީހާ ވަނީ ކޮވިޑަށް ފައްސިވިއިރު ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.

ކޮވިޑް ޖެހިގެން ގދ. ތިނަދޫއިން މީހަކު ނިޔާވެފައި މިވަނީ އެ ރަށުގެ އެކްޓިވް ކޭސްތައް 17 އަށް އަރާފައި ވަނިކޮށެވެ. އެ ރަށުން މިހާތަނަށް 1،018 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

މިއީ މިއަދު ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ދެވަނަ މީހާއެވެ. އެ ފެސިލިޓީގައި ބަލީގައި ނިޔާވެފައި ވަނީ 06 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 236 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާރު 13 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 85،732 އަށް އަރައިފައިވާ އިރު އޭގެ ތެރެއިން 84،292 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.