English Edition
Dhivehi Edition

ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްކުރުމަށް ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަރ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާއި ހަވާލުކޮށްފިއެވެ.

އެގޮތުން ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނަރަލް އަހްމަދު ވިޝާން ނަސީމުއެވެ. ސިއެރާގެ ފަރާތުން ސޮއި ކުރެއްވީ އެމް.އެޗް.ޕީ ޕްރަސާދު އެރަތުނާއެވެ.

މިއަހަރުގެ ދައުލަތުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއުއަށް 253.99 މިލިޔަން ރުފިޔާ ހަރަދުވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދަޅުވެއެވެ.

ސިއެރާ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތްކުރާގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

700 އަކަފޫޓް ހުންނާނެހެން ތިނަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާއާއި ސިޓިންރޫމެއް ހުންނާނެކަމަށާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ކޮންމެ އެޕާޓްމެންޓެއްގައި ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި، މުނިފޫހިފިލުވާލުމަށް ޕާކަކާއި އަދި ވެހިކަލް ޕާކް ކުރުމަށްވެސް ހާއްސަ ތަނެއް ތަރައްގީކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އާބާދީގައި 7،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެހެންކަމުން 200 ހައުސިން ޔުނިޓާއެކު ތިނަދޫގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.