English Edition
Dhivehi Edition

ދުނިޔޭގެ ގިނަ ގައުމުތަކަކުން ކޭކު އެޅުމުގެ ހުނަރު ހުރި ގިނަ ބައިވެރިން ތަކަކާ ވާދަކޮށް ކޭކް ސްޓަރ މުބާރާތުގެ ވެޑިން ކޭކް ކެޓެގަރީން އެއްވަނަ ލިބިގެން ދިއުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ރާއްޖޭގެ މަޝްހޫރު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ (ނަޝީ) ބުނެފިއެވެ.

މުޅި ޖުމްލަ 19 ގައުމަކުން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް މި މުބާރާތުގައި އެތައް ކެޓަގަރީއެއް އެކުލެވިގެންވާއިރު، މުބާރާތުގައި ބައިވެރިކޮށްފައިވާ ކޭކުތައް ޖަޖް ކޮށްފައިވަނީ ކެޓަގަރީތައް ވަކިވަކިންނެވެ. ނަޝީ ކޭކްސްއަށް އެއްވަނަ ލިބިފައިވަނީ ‘ވެޑިންގ ކޭކްސް 2021’ ގެ ކެޓަގަރީންނެވެ.

މުބާރާތުގައި ބައިވެރިކުރި ކޭކްތަކުގެ ފެންވަރަށް ބަލަމުން ކެންޑިޑޭޓުން އުނިކުރަމުން ގޮސް ފައިނަލަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ ސެޕްޓެންބަރު މަހުގެ 15 ގައެވެ. އަދި މިމުބާރާތުގެ ވަނަތައް އިއުލާންކޮށްފައިވަނީ އޮކްޓޯބަރ 5 ވަނަ ދުވަހުގައެވެ. ކޮންމެ ކެޓަގަރީ އަކުން އެއްވަނަ އާއެކު އެ ކެޓަގަަރީއެއްގެ ކޭކްސްޓަރ އަކަށް ވަނީ 500 ޑޮލަރުގެ އިނާމް ވެސް ލިބިފައެވެ.

ނަޝީ ބުނީ މި އެވޯޑަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށާއި ސަބަބަކީ އޮންލައިން މުބާރާތަކަށް ވެފައި މުޅި ދުނިޔެއަށް ހުޅުވާލާފައި އޮތް މުބާރާތަކަށް ވުމާއި ވަރަށް ގިނަ ގައުމުތަކުން ބައިވެރިވެ މުބާރާތުގެ ފަނޑިޔާރުންގެ ގެ ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު ޖަޖުން ތިބިކަމީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަަމަށް ދެކޭ ކަމަށެވެ.

“19 ގައުމުގެ ތެރެއިން ރާއްޖެއަށް ކޭކް ސްޓަރ އެވޯޑު ގެ ލަގަބު ލިބުމަކީ ރާއްޖޭގެ ނަން ދުނިޔޭގައި ވިދާލާ އަދި އަޅުގަނޑުގެ މަސައްކަތް ދުނިޔޭގެ މަޝްހޫރު މީހުން ބަލައިގަތުންކަމަށް ގަބޫލު ކުރެވޭ. މިއީ ވެސް ރާއްޖެއަށް ލިބުނު ރީތި ނަމެއް.” ނަޝީ ކިޔައިދިނެވެ.

ނަޝީ ބުނީ އެންމެ ހިތްހަމަ ޖެހުނީ ދުނިޔޭގެ ނަން މަޝްހޫރު ކޭކް ޑެކަރޭޓަރުން އަދި ބޮޑެތި ގުރޫޕް ތަކުން ނަޝީ ފޮލޯކުރަން ފެށުމާއި މެސެޖް ކޮށްފައި ކާމިޔާބީއަށް ވިޝް ކުރުމާއި އަދި ކޭކްގައި ކޮށްފައި ހުރި މަސައްކަތް ރީތިވެގެން ތައުރީފު ކުރުމުން ކަމަށެވެ.

މި ކާމިޔާބީއާއެކު ނަޝީ އަށް ވަނީ ބޮމްބޭގައި އޮންލައިން ކޭކު ކޯހެއް ހިންގައިދޭން ފުރުސަތުވެސް ލިބިފައެވެ.

މި މުބާރާތަށް ކޭކް ތައްޔާރުކުރަން 1 މަސް ދުވަހުގެ މުއްދަތެއް ލިބުނު އިރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކޮވިޑް ލޮކްޑައުން ތެރޭގައި މުބާރާތް ފެށުމާ ގުޅިގެން ފިހާރަތަކަށް ނުދެވުން ކަމުގައި ނަޝީ ފާހަގަ ކުރިއެވެ.

ޢުމުރުން އެންމެ 9 އަހަރުގައި ކޭކު ހެދުމުގެ މަސައްކަތަށް ޝައުގު އުފެދުނު ނަޝީ ކޭކު ބޭސިކް ކޯހެއް ހެދީ ޢުމުރުން 12 އަހަރުގައެވެ. އަދި އެހާ ހިސާބުން ފެށިގެން މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތަކަށް ނަޝީ ވަނީ ވެފައެވެ.

“ނަޝީ ކޭކްސް” ގެ ނަމުގައި ރާއްޖޭގައި ނަން މަޝްހޫރު ކޭކް ވިޔަފާރި ކުރަމުން އަންނަ ކުޅަދާނަ ހުނަރުވެރި ނަޝީ ވަނީ މިހާރު މި ދާއިރާގައި ތަަފާތު ގިނަ ތަމްރީން ފުރިހަމަކޮށް އަދި ގިނަ ބަޔަކަށް މި މަސައްކަތް ދަސްކޮށްދީ ދާއިރާގައި ގިނަ ކާމިޔާބީ ވެސް ހާސިލްކޮށްފައެވެ.