English Edition
Dhivehi Edition

މުޖުތަމައުގައި ފާހަގަކޮށްލެވޭފަދަ މީހަކަށް ވެވެނީ އެކަމަށްޓަކައި ގިނަ މަސައްކަތެއްކޮށް އެތަކެއް ގުރުބާނީ ތަކެއް ވުމަށް ފަހުގައެވެ. ވަކިން ޚާއްޞަކޮށް އަންހެނެއްގެ ގޮތުގައި މުޖުތަމައަށް ނިކުމެ އެފަދަ ކަމަކަށް ކުރިމަތިލެވޭނީ ހިތްވަރު ހުރެގެންނެވެ. އަދާކުރަން ޖެހޭ ގިނަ ޒިންމާތަކެއްގެ ތެރެއިން އަމިއްލަ ކުރިއެރުމަށް ވަގުތު ހުސްކޮށް ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައިގެންނެވެ.

ގއ. ވިލިނގިއްޔަށް އުފަން އެރަށުގެ ސީގަލް ޝާއިރާ އަލީގެ ފުރަތަމަ ދަރިފުޅު، ޝުހާނާ ނައީމް އަކީ މިފަދަ ހުނަރުވެރި ޒުވާން އަދި މުރާލި އަންހެން ކަނބަލެކެވެ.

ރަށު ފެންވަރުގައި ޝުހާނާ ފާހަގަކޮށްލެވެނީ މަސައްކަތްތެރިކަމަށް އަދި ސިޔާސީ މައިދާނަށް ވެސް ފަރިތަ ކަނބަލެއްގެ ގޮތުގައެވެ. ފަސް ނުޖެހި ބަސް ބުނަން ކެރޭ އަދި ކޮންމެ ކަމެއްވެސް ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތްކުރާ މައިދާން ދޫކޮށް ނުދާނެ ވަރުގެ ޝަޙްސިއްޔަތެއްގެގޮތުގައެވެ.

ޝުހާނާއަކީ ސިޔާސީ މައިދާނަށް ވެސް ދޫފަރިތަ އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައިސާކަން ކުރައްވަމުން އަންނަ ހިވާގި މުރާލި ކަނބަލެކެވެ. ޝުހާނާ ނަޢިމް އެހެންމީހުންނާ ތަފާތު ވަނީ އެއްފަހަރާ ގިނަ ކަންކަން ކުރައްވަމުން ޓައިމް މެނޭޖްކުރައްވަމުގެ އިތުރުން ކޮންމެ ކަމެއް ވެސް ކުރާހިތުން ކުރާ އަދި އަންހެން ކަނބަލުން ބާރުވެރި ކުރުވުމަށް މަސައްކަތްކުރާ ކަނބަލަކަށް ވާތީއެވެ.

ޝުހާނާ އަކީ ވިލިނގިލީގައި ހޮވާލެވޭ ހުނަރުވެރި ފެހުންތެރިއެކެވެ. ސޯޝަލް މީޑިއާ އިން ނަގާފައިވާ ފޮޓޯއަކަށް ވިޔަސް އަމިއްލަ އަށް ކުރަހާފައިވާ ކުރެހުމަކަށް ވިޔަސް ކަސްޓަމަރު ހިތްހަމަޖެހޭ ގޮތަކަށް ހެދުން ޑިޒައިންކޮށް ފަހައިދިނުމަކީ އޭނައަށް ނުހަނު ފަސޭހަކަމެކެވެ. ޝުހާނާ ފަހައިދޭ ހެދުންތަކުގެ ތެރޭގައި ދިގު ހެދުން، ދިވެހި ލިބާސް، ހެދުން ބުރި، އަދައިގެ ފެޝަން ހެދުން އަދި ފަހުގެ ޒަމާނީ ސްޓައިލް ތައްވެސް ހިމެނެއެވެ.

ޝުހާނާ ބުނިގޮތުގައި ހެދުން ފެހުމުގެ މަސައްކަތަކީ ކުރީގެ ފިރިމީހާ ބަލިވެ ރާއްޖެއިން ބޭރަށް މާގިނައިން ދަތުރު ކުރަންޖެހުނު ދުވަސްވަރު އާމްދަނީ ހޯދުމަށްޓަކައި ފެށި މަސައްކަތެއް ކަމަށެވެ. އަދި ފެހުމަކީ އެނާއަށް ހިތްހަމަޖެހުމާއި ސްޓްރެސް ފިލުވާލެވޭ މަސައްކަތެއް ކަމަށް ވެސް ސުހާނާ ބުންޏެވެ. ފެހުމުގެ އިތުރަށް ސުހާނާ އަކީ ހެދިކާ ބާވާތްތައް ހެދުމާއި ކޭކު އެޅުމަށް ވެސް މޮޅު ކަނބަލަކެވެ.

އެހާވަރުން ނިމުނީކީ ނޫނެވެ. ދިރިއުޅުމުގައި ދިމާވެފައިވާ ކަންކަމުން ތަޖުރިބާލިބި ކުރަން ޖެހުނު މަސައްކަތްތެރިކަމުގެ ދަތުރުން ޝައުގުވެރިކަން އުފެދި އަންހެންވެރިން ބާރުވެރި ކުރުވުމުގެ މަސައްކަތްކުރުމަށް ޝުހާނާ ބޭނުންވިއެވެ. އެގޮތުން އެ ދަތުރު ފެށުމަށް އެންމެ ފުރަތަމަ ކުރިމަތިލީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށެވެ.

ޝުހާނާ ބުނިގޮތުގައި މި ކޮމިޓީގެ މެމްބަރުކަމަށް އޭނާ ކުރިމަތިލީ ވަރަށް ބައިވަރު އެކްޝަން ޕްލޭންތަކެއް ކޮށްގެންނެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މަސައްކަތެއް ނުކޮށް އެކަނި އުޅޭ މައިން އަދި މަސައްކަތެއް ނުލިބި އުޅޭ މީހުންނަށް އެ ފުރުސަތު ހޮވައިދީ އެމީހުންގެ މަސައްކަތުގެ މާހައުލަށް ނެރުމަށެވެ. ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއެކު ތަޖުރިބާ ކުރި ކަންތައްތަކަށްފަހު ޝުހާނާ ބޭނުން ވަނީ ކޮންމެ އަންހެނަކީވެސް އެހެންމީހަކަށް ބަރޯސާނުވެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅުމުގެ ކަންކަން މެނޭޖްކުރެވޭނެ މީހަކަށް ވުމަށެވެ. ﷲގެ އިރާދަފުޅުން ވިލިނގިލީ މެޖޯރިޓީއާއި އެކު ޝުހާނާ ކޮމިޓީގެ މެމްބަރުކަމަށް ހޮވުނެވެ. ކޮމިޓީގެ މެމްބަރުކަމަށް ހޮވުމަކީ ޝުހާނާގެ ހުވަފެން ހަޤީޤަތަށް ހެދުމަށް ލިބުނު ދޮރެއް ކަމަށް ޝުހާނާ ޤަބޫލުކުރެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން ކުރައްވަމުން އަންނަ ޝުހާނާ ބުނީ، ކޮންމެ ދާއިރާއަކުން ވެސް ޝައުގުވެރިކަން ހުރި މީހުން ހޯދައި އެމީހުންނާ ވާހަކަ ދައްކައި އެ ދާއިރާތަކުން ކޯސްތައް ކޮމިޓީގެ ފަރާތުން ހިންގައި އެ ދާއިރާއަށް މީހުން ނެރުމަކީ އޭނާގެ ޓާގެޓެއް ކަމަށެވެ. އެގޮތުން މިހާރުވެސް އެ ކަމަށް މަސައްކަތް ކުރަމުން އަންނައިރު، ވަކި ވަކި މީހުން ކޯހަށް ބައިވެރި ކުރުވުމަށް ވެސް ހިތްވަރުދޭ ކަނބަލެއްގެ ގޮތުގައި ޝުހާނާ ފާހަގަކޮށްލެވެއެވެ.

 

“މީގެ އިތުރުން ކޯސްތައް ހިންގައި އެ ކޯސްތަކުން ލިބޭ ނޮލެޖް އެންމެ ރަނގަޅަށް ބޭނުންކުރާ މަންޒަރު ފެނުމުންވެސް ވަރަށް ހިތްހަމަޖެހޭ، އެއީ ނޫންތޯ ސަކްސެސް އަކީ” ޝުހާނާ ބުންޏެވެ.

ކޮމިޓީގެ ރައިސާކަން ކުރެއްވުމުގެ އިތުރުން ޝުހާނާ އަކީ އާއިލާގެފުރިހަމަ ޒިންމާތައް ނަގަމުން އަންނަ ޒިންމާދާރު އަންހެނެކެވެ. ނަމަވެސް ޓައިމް މެނޭޖްކުރެވޭ ކަމަށާއި ފިރިމީހާ އަދި މައިންބަފައިންގެ ފުރިހަމަ ސަޕޯޓް އެއީ ހަޔާތުގައި ލިބޭ ކޮންމެ ކާމިޔާބީއެއްގެ ސިއްރު ކަމަށް ޝުހާނާ ބުންޏެވެ. އަދި ކުރާ ކޮންމެކަމެއްގެ ޓައިމް މެނޭޖް ކުރެވެނީ ވެސް އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭތީ ކަމަށްވެސް ޝުހާނާ ބުންޏެވެ.

އަންހެން ކަނބަލުންނަށް ޝުހާނާ ދޭން ބޭނުންވާ މެސެޖަކީ ދިރިއުޅުމުގައި ކޮންމެ ހާލަތެއް ދިމާވިޔަސް އަމިއްލަ މަސައްކަތުން ދިރިއުޅުން މެނޭޖްކުރެވޭނެ ކަމަށާއި އަންހެނަކަށް ވީތީ މިކަމެއް ނުކުރެވޭނެއޭ އެކަމެއް ނުކުރެވޭނެ ބުނެ އުއްމީދު ކަނޑާނުލުމަށެވެ. ކޮންމެ ކަމެއްވެސް ހިތްވަރާ އަޒުމުގައި މަސައްކަތްކޮށްފިއްޔާ އެކަން ހާސިލްވާނެ ކަމަށެވެ. އަދި ހަމައެއާއެކު ވަކި މީހަކަށް ބަރޯސާވެ ވަޒީފާ ދޫކޮށް ގޭގައި އުޅެން ޖެހުނަސް ކޮންމެވެސް ކަހަލަ މަސައްކަތެއްކޮށް އާމްދަނީ ހޯދޭނެ ކަމަށާއި ވަކި މީހަކަށް ބަރޯސާވުން ދޫކޮށްލުން ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ.