ރާއްޖޭގެ ސަގާފީ ހެދުމާއި ގުޅޭ ގޮތައް ކަސަބު އަޅައިގެން އަމިއްލައަށް ތައްޔާރުކޮއްފައިވާ ރީތި ރަތްކުލައިގެ ކަފްތާނެއްލައިގެން ދުބާއީގެ މަގެއްގެ މަތީގައި ހުރެ ވިލީ ނަގާފައިވާ މި ފޮޓޯ އަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތައުރީފް ކުރިއެވެ. ފެޝަން ޑިޒައިނަރު ވިލީގެ މި އާ ފެޝަން، ގިނަ އަންހެންކުދިންތަކަކަށް ކަމުގޮސް އެ ހަފްތާގައިވެސް ގިނަ އޯޑަރުތަކެއް ވިލީއަށް ލިބިގެން ދިޔައެވެ. އެއީ ރަސްމީކޮށް އަދި އެ ޑިޒައިން ވިލީ ލޯންޗް ނުކުރަނީހެވެ. ވިލީ އެ ހެދުން ގެންދިޔައީ ދުބާއީގައި އޮތް އިވެންޓެއްގައި ބައިވެރިކުރުމަށެވެ. ވިމެން އިން މެނޭޖްމަންޓުން ދުބާއީގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ބޭރުގައުމުތަކުގެ މީހުންނަށް ވެސް މި ޑިޒައިން ކަމުގޮސް އެ ހެދުމާ އެކީ ފޮޓޯ ނަގާވެސް ހެދިއެވެ.
ގ.މެޑޯ އާމިނަތު ވިލީނިއާ (ވިލީ) ގިނަ ބަޔަކަށް އެނގޭނީ ވެސް ފެޝަންޑިޒައިނަރެއްގެ ގޮތުގައެވެ. އޭނަ އަމިއްލަ އަށް އަޅާ ހެދުންތައް އެހާމެ ރީތިވެފައި ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލް ފުރިހަމައެވެ. ތަފާތު އެކިވައްތަރުގެ ޑިޒައިންތަކަށް ވިލީ ތައްޔާރުކުރާ ހެދުންތައް އެހެންޑިޒައިނަރުންގެ ހެދުންތަކާއި ތަފާތު، އަމިއްލަވަންތަ ގޮތެއް ހުރެއެވެ. އެހެނަސް ހުރިހާ ޑިޒައިނެއްގެ ތެރެއިން ވިލީ އެންމެ ކުރާހިތްވަނީ ކަފްތާން ތައްޔާރުކުރުމެވެ. އެ މަސައްކަތުގެ ތެރެއިން މުޅިން އަލަށް ވިލީ ފެށި މަސައްކަތަކީ ދިވެހިންގެ ސަގާފީ ހެދުމާއި ގުޅުވައިގެން ކަސްޓަމައިޒް ކޮއްގެން ކަފްތާން ތައްޔާރުކޮށް މާކެޓް ކުރުމެވެ. މިއީ ރާއްޖޭގައި ފެޝަންޑިޒައިނަރަކު ދިވެހިންގެ ސަގާފީ ހެދުން މި ޑިޒައިނަށް ތަޢާރަފް ކުރި ފުރަތަމަ ފަހަރެވެ!
ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރުވެސް ވިލީ އަކީ އާޓިސްޓެކެވެ. ކުރެހުމާއި އަތްތެރިމަސައްކަތާއި ގުޅޭ ކަންކަމަށް އޭރުވެސް ވިލީ ޝައުގުވެރިވެއެވެ. މި ޝައުގު ހުރިނަމަވެސް ސްކޫލް ނިންމާލުމަށްފަހު ޕްރޮފެޝަން އެއްގެ ގޮތުގައި ވިލީ ބޭނުންވީ އެއާރހޮސްޓެސް އަކަށް ވުމަށެވެ.
“ސްކޫލްގައި އުޅުނުއިރު އަބަދުވެސް ހިތުގައި އޮންނަނީ އެއާރހޮސްޓެސް އަކަށް ވުމަށް. އެކަމަކު އެ ފުރުސަތެއް ނުލިބުނު. ސްކޫލް ނިންމި ގޮތައް ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރަން ޖެހުނީ. އެކަމަކު އަބަދުވެސް ފެޝަން ނުވަތަ ޑިޒައިނިން އާ ގުޅޭ ކަންކަމަށް ވަރަށް ޝައުގުހުރޭ. ދެން މަންމަ ވެސް އެކަހަލަ މަސައްކަތް ކުރާތީ އެކަމުގެ ތެރެއަށް ވަދެވޭ. ވަރަށް ކުޑައިރު އަމިއްލަ އަށް ފަހަން ވެސް ދަސްކުރިން. އެވެސް ހަމަ އަމިއްލައަށް ދަސްކުރީ. ފަހަން އެނގޭތީ ދެން ހަމަ ވަރަށް ގިނަ ޑިޒައިންތަކަށް އަމިއްލަ އަށް ފެހޭތޯ ބަލަން. އޭރުވެސް ހުރިހާ ރައްޓެހިން ކިޔާނެ ވިލީ އަޅާ ހެދުން ވަރަށް ރީއްޗޭ. ތަފާތު ގޮތެއް ހުރެއޭ” އޭނާގެ ފެޝަން ޑިޒައިނިން މަސައްކަތް ފެށިގެން އައި ގޮތް “އޭއޯ ނިއުސް” އާއި ހިއްސާކުރަމުން ވިލީ ކިޔައިދިނެވެ.
ގުދުރަތީ ގޮތުން ހުނަރެއް ލިބިފައިވިޔަސް އެހުނަރު ދަނެގަނެވި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވެން ފަށަނީ ނޭނގި ނަމަވެސް އެ ދާއިރާ އާއި ގުޅުން ހުރި ރޮނގަކުން ކުރިއަށް ދިއުމަށް ފުރުސަތު ފަހިވުމުންނެވެ. ވިލީއަށް ވެސް ވީ އެގޮތެވެ.
މަގުމަތީގެ އެކްސިޑެންޓެއްގައި ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާހޯދުމަށް ލަންކާގައި އުޅުނު ދުވަސްވަރު ލަންކާގެ އެކަޑަމީ އޮފް ޑިޒައިންގައި އޮތް އޯޕަންޑޭއަކަށް ދިޔަ ދިޔުމަކީ ޑިޒައިނިން ދާއިރާއިން ކުރިއަށް ދިއުމަށް ވިލީގެ ޝައުގު އުފެދުނު ހިސާބެވެ.
“ލަންކާ އަށް ދިޔައިރުވެސް ހަމަ ވަރަށް ރީތިކޮށް ފަހަން އެނގޭ. ވެޑިންޑްރެސްވެސް ފަހަން. ހުރިހާ ވައްތަރެއްގެ ހެދުމެއް ފަހަން އެނގޭ. އެކްސްޕީރިއަންސް ގެ ތެރެއިން ދަސްވި އެއްޗެތި އެއީ. އޭރު ޑިޒައިނިން އަކީ ކޮން އެއްޗެއްކަމެއް ނޭނގޭ. ރާއްޖޭގައި ހަމަ ފަހަން ދަންނަ ކޮންމެ މީހަކީ ޑިޒައިނަރަކަށް ވެފައި އޮންނަނީ. އެކަމަކު އެތަނުން ފެޝަންޑިޒައިނިންގ އާއި ކުދިންގެ މަސައްކަތާއި ފެނިފަ އެ ދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ޝައުގުވެރިވެ ކޯހުގައި ބައިވެރިވީ. ބޭސިކް ނޮލެޖް ހުރީމަ ކުރިއަށް ދާން ވަރަށް ފަސޭހަވި. ދެން އާޓިސްޓިކް ބައިވެސް ހުރީމައާއި އެކީ ވަރަށް ފުރިހަމައަށް ކުރިއަށް ދެވުނު. ކޮލެޖްގައި ކިޔެވި އިރު ޓޮޕް ޓެންގައި ހިމެނިގެން ދިޔަ. އެހެންވިޔަސް ވަކި ހިސާބަކުން ކިޔެވުން މެދު ކަނޑާލަން ޖެހުނީ ކިޔެވުމަށް ފަންޑު ލިބޭނެ ގޮތެއް ނުވުމުން. އެހެންވެ އެނބުރި ރާއްޖެއައީ. ”
ރާއްޖެ އެނބުރި އައިސް ވިލީ ބައިވެރިވީ “ބްރައިޑް މޯލްޑިވްސް” ގައެވެ. ވިލީ ބުނީ އެތަނަށް ދިޔައިރުވެސް ވިލީގެ ޕޯޓްފޯލިއޯ ފެނިފަ އެމީހުންވެސް ހައިރާންވި ކަމަށެވެ.
“ކޯސް ހެދިއިރު ލިވައިސް ބްރޭންޑާއި ޖޯޖް ހޮބެއިކާގެ އެއްޗެއްސަށް ޕްރޮޖެކްޓް ހެދިން. އިންޑިއާގެ ލޮފިޝަލް މެގަޒިންގައި ސޮނާކްޝީ ސިންހާގެ ހެދުން ޑިޒައިންކުރި އިރު ކޮލެޖުން ނެގި 3 ކުދިންގެ ތެރޭގައި ވިލީ ހިމެނުނު. އެތަނުގައި ބޭއްވި އާރޓް ޝޯ ތަކުގައި ވެސް ބައިވެރިވިން. އައިފާ އެވޯޑުގެ ބެކްސްޓޭޖްގަ ވެސް ވޯކް ކުރަން ޗާންސް ލިބުނު. މަނީޝް މަލޯތްރާމެން ކަހަލަ މަޝްހޫރު ގިނަ އާޓިސްޓުންނާއެކު މަސައްކަތް ކޮށް އެމީހުންގެ މަސައްކަތް ފެނިފަ ވަރަށް އިންސްޕައަރ ވި. ވަރަށް ބޭނުންވި އެ ފެންވަރަށް ރާއްޖޭގައި އެކަން ކުރަން. އެކަމަކު ރާއްޖޭގައި ފެޝަން ޑިޒައިނަރުންނަކަށް އެފަދަ ކަމަކަށް ޕްލެޓްފޯމެއް ނެތް. ” ވިލީ ކިޔައިދިނެވެ.
ވިލީ ބުނީ ބޭރުގައުމުތަކުގައި ފެޝަންޑިޒައިނަރުންނަށް ހުންނަ ފުރުސަތުތައް ރާއްޖޭގައި ފެޝަން ޑިޒައިނަރުންނަށް ނެތް ކަމަށާއި ރާއްޖޭގެ ރިސޯޓުތަކުން ވެސް ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ޝޯއެއް ބާއްވަން ބޭނުންވިޔަސް އެފަދަ ކަމަކަށް ތަނެއް ނެތުމާއި ރޯމެޓީރިއަލްސް ނުލިބުމާއި މިފަދަ ގިނަ ގޮންޖެހުންތައް ހުރިކަމަށެވެ.
ވިލީ އޭނަގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެހެން ޕާޓްނަރަކާއެކު ފަހާތަނެއް ހުޅުވައި މަސައްކަތް ފެށި ނަމަވެސް ވިލީ ބުނީ އޭރު، ބުޓީކް ސްޓައިލަށް ރާއްޖޭގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އުނދަގޫވި ކަމަށެވެ.
“ރާއްޖޭގައި ފަހާތަނެއް ހުޅުވައިގެން ތިބީމަ ވާ ގޮތަކީ އަންނަ ކަސްޓަމަރުން ބޭނުންވޭ ހުރިހާ އެއްޗެއް ފަހަން އެތަނަކުން. އެހެންވެ ވަކި ދިމާއަކަށް ފޯކަސް ނުކުރެވޭ. ވިލީ ބޭނުންވަނީ ސީޒަނަލް އެއްޗެތި ޑިޒައިންކޮށް ފަހަން. އެގޮތަށް ވޯކް ނުކުރެވޭތީ އާއެކު ގިނަ ގޮންޖެހުންތަކެއް ވެސް ހުރީމަ ފަހާތަން ބަންދުކުރީ. އޭގެ ފަހުން ޕެންޑަމިކްގަ ވަރަށް އުނދަގޫކޮށް މަސައްކަތް ދިޔައީ. އެހެންވެ ހުރިހާ ކަމަކާ އެކު ގޭގަ އަމިއްލަ އަށް ފަހަން ފެށީ”
ވިލީ ބުނީ މިހާރު ކުރިއަށް ގެންދެވޭ ގޮތް ހިތްހަމަޖެހޭކަމަށާއި އެންމެ ބޮޑަށް ފޯކަސް ކުރަނީ ކަފްތާންގެ މަސައްކަތަށް ކަމަށެވެ.
“ކަފްތާނަކީ އާ އެއްޗެއް ނޫން. އެކަމަކު އެއީ ދުވަހަކުވެސް ޓްރެންޑް ދާ އެއްޗެއްނޫން. ރާއްޖޭގައި ކަފްތާނަށް ޚާއްޞަ ކޮއްގެން އެ މަސައްކަތް ކުރާ ވަކިމީހަކު ނުހުރޭ. އެހެންވެ މީހަކު ކަފްތާނެއް ބޭނުންވިޔަސް ސީދާ ދާންވާ ދިމާއެއް ނޭނގިފަ ތިބެންޖެހެނީ. ސްޕެޝަލައިޒް ވެފަ ތިބޭ މީހުން ނުތިބޭތީ އާއެކު ހިތަށް އެރީ މިއީ ރަނގަޅު މާކެޓެކޭ. އަދި ރިސޯޓު މާކެޓަށް ވެސް މީތި ވޯކް ކުރާނެއޭ.” ވިލީ ކިޔައިދިނެވެ.
ވިލީ މިހާރު އެންމެ ބޭނުންވަނީ ސަގާފީ ގޮތަށް ކަފްތާން ތައްޔާރުކޮއް މާކެޓް ކުރުމެވެ. ރިސޯޓްތަކަށް މާކެޓް ނުލިބުނަސް އޮންލައިން ކޮށް ވަރަށް މާކެޓް ލިބޭ ކަމަށާއި ވިލީގެ ސޯޝަލް މީޑިއާ “ވިލީ ކަލެކްޝަން” ފޭސްބުކް އަދި އިންސްޓަގްރާމަށް ވަރަށް ބޮޑަށް ސަޕޯޓް ލިބޭ ކަމަށެވެ. ކަސަބު ކޮންސެޕްޓާއެކު އެމީހަކު ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ވިލީ ތައްޔާރުކުރާ މި ޑިޒައިނަށް ޑިމާންޑް ބޮޑުކަމަށް ވިލީ ބުންޏެވެ.
ވިލީ ބުނީ ރާއްޖޭގެ ސަގާފީ ހެދުން މިހާރު މާ ބޮޑަށް މޮޑިފައި ވެގެން ގޮސް އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ޑިޒައިނަރުންތަކެއް އެކުވެގެން އޭތި ރަނގަޅު އެއްޗެއްގެ ގޮތުގައި ނެރެވިދާނެ ކަމަށެވެ.
“މިހާރު ފަންޑްކޮށްދޭނެ މީހުންވެސް އެބަތިބި. ކިތަންމެ ބޮޑު ޝޯރޫމެއްވެސް ހުޅުވެން އެބައޮތް. އެކަމަކު އަދި މިވަގުތު އެހާ ބޮޑު ސްކޭލް އެއްގައި މަސައްކަތް ކުރަން ބޭނުމެއް ނޫން. ދަރިން ކައިރީގައި އިނދެގެން އަމިއްލަ އޯން ޓައިމްގަ މިހާރު މަސައްކަތް ކުރަނީ. ސްޓްރެސްބޮޑު ބޮޑު ވިޔަފާރިއެއްގެ ތެރެއަށް މިވަގުތު ވަންނަން ބޭނުން ނުވާތީ މިގޮތަށް ހަމަޖެހިލައިގެން އަރާމުކޮށް ހުރެ މަސައްކަތް ކުރަނީ. މިހާރު ހަމަ ބޮޑަށް ކުދިންނަށް ޓައިމް ދީފަ ދެން މަސައްކަތް އޯވާރ ނުވާ ވަރަށް މަދުމަދުން އޯޑަރ ނަގަނީ”
ހެދުން ޑިޒައިން ކޮށް ފެހުމުގެ އިތުރުން ޓޯޓް ބޭގް ހަދައި މީހުންނަށް ހަދިޔާ ކުރުމަކީ ވިލީ އަމިއްލަ އަށް ކުރާހިތުން ކުރާ އެއް މަސައްކަތެވެ. ތަފާތު އެކި ގައުމުތަކަށް ދަތުރުކުރާއިރު ކޮންމެ ގައުމަކުން އެތަނެއްގެ ޚާއްޞަ ޓޯޓް ބޭގް ވިލީ ގަނެއެވެ. އަދި އަމިއްލަ އަށް ބޭގް ފަހައި އެބޭގް މީހުންނަށާއި ތަންތަނަށް ހަދިޔާ ކުރެއެވެ. މިޓޯޓް ބޭގަކީ ރާއްޖޭން ބޭރުން އެކަމަށް ޚާއްޞަ މެޓީރިއަލްސް ގެނެސްގެން ވިލީ އަމިއްލައަށް ޕްރިންޓްކޮއްގެން އަމިއްލަ ޑިޒައިނުގައި ތައްޔާރުކުރާ އެއްޗެކެވެ.
“އެއީ ވިއްކަން ހަދާ އެއްޗެއް ނޫން. އެއީ ވިލީ ކުރާހިތުން ކުރާ މަސައްކަތެއް. ހަމަ ހަދިޔާ ގޮތަށް ދެނީ ބޭގްސް ހަދާފަ” ކޮވިޑް ތެރޭގައި ވެސް ވިލީ ވަނީ ގިނަ އަދަދަކަށް މާސްކު ފަހައި ސްކޫލަށާއި އަދި އެތައް ބަޔަކަށް މާސްކު ހަދިޔާ ކޮށްފައެވެ.
“ވިލީއަށް ގަބޫލު ކުރެވެނީ މިހާރު އަސްލު ޑްރީމާ ހަމައަށް ދެވިއްޖެ ކަމަށް. ވިލީގެ ގާތަށް އަންނަ ކަސްޓަމަރު އުފަލުން އެ މަސައްކަތަށް ހިތްހަމަޖެހިގެން ދިއުމަކީ ލިބޭ ހިތްހަމަޖެހުން. ޑްރީމަކީ އެހެދުން ލައިގެން ދިއުމަށްފަހު ދެވަނަ ފަހަރުވެސް އަދި 3 ވަނަ ފަހަރުވެސް އެހެން އެއްޗެއް ފަހަން އޭނަ އައުން. އެ ހިތްހަމަޖެހުން ވިލީއަށް ލިބޭ”
މުސްތަގުބަލުގައި ވިލީގެ އަމިއްލަ ކަފްތާން ބުޓީކެއް ފެނިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ބުނި ނަމަވެސް ވިލީ ބުނީ އަދި މިވަގުތު އެފަދަ ކަމަކަށް ވިސްނުން ނެތް ކަމަށާއި މިވަގުތު އެންމެ ބޮޑަށް ފޯކަސް ކުރަނީ އާއިލާއަށް ކަމަށެވެ.
ވިލީގެ މަސައްކަތަށް އެދެނީ އަބަދުވެސް ފުރިހަމަކުރިއެރުމަކާއި ކާމިޔާބީ އެވެ!