English Edition
Dhivehi Edition

ތިމާ ކުރާ ކޮންމެ ކަމެއްގައި އޭގެ އެންމެފުރިހަމަ ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރުމަކީ ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް ކޮށޭ ސަރާސަރު މަގަކަށް ވެގެންދާނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އުމުރުން އެންމެ 19 އަހަރުގައި ސްކޫލެއްގެ އެސިސްޓެންޓް މުދައްރިސެއްގެ ގޮތުގައި ވަޒީފާގެ މާހައުލަށް ވަދެ، މިހާރު ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރެއްގެ މަގާމު ފުރުއްވަވަމުން ގެންދަވާ ފާތިމަތު ޙަބީބާ (ފާތި) ގެ ކާމިޔާބީގެ ސިއްރަކީ ވެސް ހަމަމިއީއެވެ! ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއި އަދި ހިތްވަރާއިއެކު މަސައްކަތްކޮށް ބޮޑު ޓީމެއް ލީޑުކޮށް މެނޭޖްކޮށް ބެލެހެއްޓުމަކީ އާދައިގެ މަސައްކަތެއް ނުމެނޫން ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކަކީ މިއަދު ފާތީ އެހުންނެވި މަގާމަށް ފުރިހަމަ ޢަޣުލަބިއްޔަތަކާއި އެކު ވާސިލްވެވުނު ސަބަބެވެ!

“ކުޑައިރުއްސުރެން ގޭތެރެއިން އަޅުގަނޑަށް ފެންނަމުން ދިޔައީ މަންމައާއި ބައްޕަގެ ލީޑަރޝިޕްގެ މަސައްކަތްތައް. އެއީ ލީޑަރެއްގެ ގޮތުގައި މުޖުތަމައަށް ނިކުންނަން ޝައުގު އުފެދުނު ހިސާބު. އަޅުގަނޑުކުރާ ކޮންމެ ކަމެއްގައި އެންމެ ބޮޑަށް ހިތްވަރު ދެއްވަވާ އަމަލީގޮތުން ނަމޫނާ ދައްކަވާ އަޅުގަނޑު މޯޓިވޭޓް ކޮށްދެއްވަވާނީ ބައްޕަ. އަދި މަންމަ އަކީ އެހުރިހާ ކަމަކަށް އެންމެ ސަޕޯޓް ދެއްވަވާ ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ މަސައްކަތް ފަސޭހަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ފަރާތް. މިއަދު މުޖުތަމައުގައި އަޅުގަނޑަށް ލިބިފައިވާ ކާމިޔާބީއެއްވާނަމަ އޭގެ ފަހަތުގައި ވާނީ އަޅުގަނޑުގެ މައިންބަފައިންގެ އެ ލޯބި!”

2003 ވަނަ އަހަރު ތާޖުއްދީންސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާއަށް ފާތި ވެންނެވީ އޭލެވެލް ނިންމައި ބެޗްލަރސް ޑިގްރީ ފެށުމާއި ދެމެދު އޮތް ދުވަސްކޮޅު ބޭނުންތެރި މަސައްކަތެއް ކުރެއްވުމުގެ ނިޔަތުގައެވެ. މުދައްރިސަކަށް ވުމަށް ކުޑައިރުއްސުރެން ދެކެމުން ދިޔަ ހުވަފެން ޙަގީގަތަކަށް ހެއްދެވުމުގެ އުއްމީދާއެކުވެސް މެއެވެ. ކިތަންމެ އާ މަސައްކަތަކަށް ވީނަމަވެސް ކުރާހިތުން ކުރެވުނު އެ މަސައްކަތުގެ ނަތީޖާއަކަށް ވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެސިސްޓެންޓް ޓީޗަރެއްގެ މަގާމުން ފުލްޓައިމް މުދައްރިސަކަށް ބަދަލުވެ ކްލާސްރޫމްގައި ކިޔަވައިދޭން ފުރުސަތު ލިބިލެއްވުމެވެ.

“އޭގެ ފަހުން އަޅުގަނޑު ޑިގްރީ ޕްރޮގްރާމަށް ޖޮއިން ކުރީ. ސްކޫލްއުޅުނު އިރު ވެސް އަޅުގަނޑު ވަރަށް ގިނައިން ލީޑަރޝިޕް ހަރަކާތްތަކުގައި އުޅެން. އަޅުގަނޑަށް އަމިއްލައަށް ވެސް ގަބޫލްކުރެވޭ އަޅުގަނޑުގެ ކިބައިގައި ލީޑަރޝިޕް ކޮލިޓީހުންނަކަން. އަމިއްލަ ނަފްސަށް އެ އޮންނަ އިތުބާރާއެކު އަބަދުވެސް މަސައްކަތް ކުރީ. ”

ޑިގްރީފުރިހަމަ ކުރެއްވެވުމަށްފަހު 2007 ވަނަ އަހަރު މޯލްޑިވްސް ޔުނިވަރިސިޓީގެ ފެކަލްޓީއޮފް އެޑިޔުކޭޝަންގައި ޓީޗިންގ ޕްރެކްޓިސް ފުރިހަމަކުރައްވަވާ 2008 ވަނަ އަހަރު ރަސްމީކޮށް ދަރުމަވަންތަ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި ފާތި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.

“ކިޔަވައިދިނުމަކީ އަޅުގަނޑު އަބަދުވެސް އެންމެކުރާހިތްވި މަސައްކަތް. އަޅުގަނޑުގެ ބައްޕައަކީ ޓީޗަރ އެޑިޔުކޭޓަރ އެއް. ބައްޕަގެ އެ މަސައްކަތް ފެނި އަޅުގަނޑު ވެސް ބޭނުންވީ ބައްޕަ ކަހަލަ މީހަކަށްވާން. އަދި ބައްޕަގެވެސް ހުވަފެނެއް އަޅުގަނޑު ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅޭތަން ފެނުން”

މިނިވަން މުއައްސަސާތައް އުފެދިގެން އައިއިރު އުފެދުނު ސިވިލްސަރވިސް ކޮމިޝަނުންގެ ސްޓާފް ޑިވެލޮޕްމަންޓް ސްކޯލަރޝިޕް ގެ ދަށުން އޭރު ހުޅުވާލި މާސްޓަރ އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ފުރުސަތަށް ފާތި އެޕްލައި ކުރެއްވެވީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އޮތް ޝައުގާއެކު މިނިވަން މުއައްސަސާ އެއްގައި މަސައްކޮށް ކުރުމަށް ވެސް ހިތްއެދޭތީއެވެ. ނަސީބު ރަނގަޅުކަމުން އެ ފުރުސަތު ފަހިވެ، ރާއްޖޭން ބޭރުގައި މާސްޓާސް އަށް ކިޔަވާނެ ފުރުސަތު ފާތިއަށް ލިބިލެއްވެވިއެވެ.

“މެލެޝިއާގައި މާސްޓާސް ފުރިހަމަކުރުމަށްފަހު 2010 ވަނަ އަހަރު އެނބުރި ރާއްޖެ އައިސް އަޅުގަނޑު ދެން މަސައްކަތް ފެށީ ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ޑެޕިޔުޓީ ޑިރެކްޓަރ ލެވެލްގައި ލެކްޗަރާއެއްގެ ގޮތުގައި. އޭރު ރާއްޖޭގައިވެސް މަދުވާނެ މާސްޓާރސް ނިންމާފައި ތިބި މީހުން. ސީނިއާ މަގާމެއްގައި އޭރު މަސައްކަތް ކުރަން ފުރުސަތު ލިބިގެން ދިޔަ އެއް ސަބަބު އެއީ. އެހާ ހިސާބުން އަޅުގަނޑު މަސައްކަތް ކުރަން ޖެހުނީ ގާތްގަނޑަކަށް ތިރީހަކަށް ހާސް މުވައްޒަފުންގެ ކުރިއެރުމާއި ތަމްރީން ހޯދައިދީ މީހުން ބިނާކުރުމުގެ މަސައްކަތް. އޭރު އިންސްޓިޓުން ކުރިއަށް ގެންދިޔައީ މަދު ތަމްރީން ޕްރޮގްރާމް ތަކެއް ނަމަވެސް ކުރެވުނު ގިނަ މަސައްކަތް ތަކަށް ފަހު މިއަދު އެ އިންސްޓިޓިއުޝަނުން އެދަނީ އަހަރަކު ވިއްސަކަށް ހާސް މުވައްޒަފުން ތަފާތު ގޮތްގޮތުން ތަމްރީން ކުރަމުން. ”

2010 ވަނަ އަހަރު ނިމުމަކާއި ގާތްވެފައިވަނިކޮށް ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި އަދާކުރައްވަން ފެއްޓެވި ވަޒީފާގައި ފާތިއަށް ދެން ލިބިލެއްވެވި ކުރިއެރުމަކީ 2014 ވަނަ އަހަރު އެ އިންސްޓިޓިއުޓްގެ އެކްޓިން ސީއީއޯގެ މަގާމު ލިބިގެން ދިޔުމެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަގާމު އަޅުގަނޑަށް ލިބިގެން ދިޔައީ އިންސްޓިޓިއުޝަނުގައި އަޅުގަނޑަށް ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ސަބަބުން . ތަނުގެ ވެރިން އަޅުގަނޑަށް ކުރެއްވެވި އިތުބާރު. އިންސްޓިޓިއުޓްގެ ކުރިއެރުމަށް އަދި އަޅުގަނޑާއި ހަވާލުވެވޭ ކޮންމެ ކަމެއްގައި އެންމެ ފުރިހަމަ ނަތީޖާ ނެރެދިނުމަށް ހިތްވަރާއެކު އަޅުގަނޑު މަސައްކަތް ކުރިން. އެ މަސައްކަތް ތަކުގައި އަންހެނަކަށް ވީތީވެ ކުރިއަށް ދިއުމުގައި ގިނަ ހުރަސްތައް ދިމާވި. އެހެނަސް ސާބިތުކަމާއެކު އެގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދެވޭތޯ އަބަދުވެސް އަޅުގަނޑު ބެލީ”

އެކްޓިންގ ސީއީއޯގެ މަގާމުން ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އެއްގެ މަގާމަށް 2015 ވަނަ އަހަރު ފާތި ބަދަލުވިއެވެ. އަދި އެމަގާމުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ހުންނެވިއިރު ފާތި ވަނީ ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއަށް ފާހަގަ ކުރެވޭފަދަ ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވަވާ ގިނަ ކުރިއެރުންތަކެއް ހޯއްދަވައި ދެއްވަވާފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ސިވިލްސަރވެންޓުންނަށް ބޭނުންވާ އެންމެ ފުރިހަމަ ތަމްރީނާއި ތަޖްރިބާ އެ އިންސްޓިޓިއުޝަން މެދުވެރިކޮށް ހޯއްދަވައިދެއްވުމާއި މީހުން ބިނާ ކުރުމަށް މާލެއާއި އަތޮޅު ތެރޭގައި ބުރަކޮށް މަސައްކަތް ކުރައްވަވާފައެވެ.

ނަތީޖާއެއްގެ ގޮތުން މިއަހަރު ،2024 ގެ ފެބްރުއަރީ މަހުން ފެށިގެން ފާތި ވަނީ ސިވިލްސަރވިސް ޓްރެއިނިންގގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ބަދަލުވެ، އޭގެފަހުން މިހާރު މިވަނީ ކޮމިޝަންމެމްބަރ އަކަށް މަޖިލިސްގެ ފުރިހަމަ ޢަޣުލަބިއްޔަތުން ރުހުން ލިބި، ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރައްވަވާ މެމްބަރެއްގެގޮތުގައި އެ މަގާމު ޙަވާލުކޮށް ދެއްވަވާފައެވެ.

 

“މަޖިލިހުގެ ފުރިހަމަ ޢަޣުލަބިއްޔަތާއެކު މަޖިލިހުގެ ރުހުން ލިބި މަގާމު ލިބުނު ދުވަސް އެއީ އެންމެ އުފާވި އެއްދުވަސް. އެދުވަހު ގަބޫލު ކުރެވުނީ އަޅުގަނޑުގެ މަސައްކަތް އެންމެން ބަލައިގަނެ އެންމެންގެ އިތުބާރު އަޅުގަނޑަށް ލިބިފައިވާކަން. އަޅުގަނޑަކީ އެއްގޮތަކަށް ވެސް ސިޔާސީ މީހެއްނޫން. އަމިއްލަ މުސްތަގިއްލު މީހެއްގެ ގޮތުގައި މަސައްކަތްކޮށް މިމަގާމަށް ވާސިލްވުމަށް ކުރިމަތިވި ހުރިހާ ދަތި އުނދަގޫ ހަރުފަތްތައް ކާމިޔާބު ކަމާއެކު ގިރާކުރުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވެވި ފަރާތަށް ޙަމްދުކުރެވުނު. އަޅުގަނޑުގެ މަސައްކަތުގައި ކުރިއެރުމާއި ފަސޭހަކަށް މިންވަރުކުރެއްވުން އެދި އަބަދުވެސް ދުޢާ ކުރެވޭ. އެއީ ކާމިޔާބީގެ އެންމެ ބޮޑު އެއް އަސްލަކީ”

އަމިއްލަ ޢާއިލާއަށް ވަގުތު ހުސްކުރައްވަވައި ދަރިފުޅުގެ ހުރިހާ ކަމެއް އަމިއްލައަށް ކުރައްވަވައި އާއިލީ ޒިންމާ ފުރިހަމައަށް ނަންގަވަމުން ޒިންމާދާރު މަގާމެއްގައި ބުރަކޮށް އުޅުއްވަވާއިރު ވެސް ތަފާތު އެކިކަހަލަ މަސައްތަކުގެ ތެރެއިން ވެސް ފާތީގެ ތަފާތު ހުނަރުތައް ދަނީ ފެންނަމުންނެވެ. އެގޮތުން ފިޓްނަސް ޓްރެއިނަރއެއްގެ ގޮތުގައްޔާއި މޯލްޑިވްސް އެޗްއާރު ޕްރޮފެޝަނަލްސް(މާޕް) ގައި ސީނިއަރ ޓީމުގައި މީގެކުރިން ފާތި ވަނީ މަސައްކަތް ކުރައްވަވާފައެވެ.

“އަޅުގަނޑު އަބަދުވެސް ގެންގުޅޭ ފަލްސަފާއެއް އެއްކަމަކަށް ހުސްވެގެން ނުހުރެ ތަފާތު ގިނަ މަސައްކަތްތައް ތަޖުރިބާ ކުރުން. އެގޮތުން އަޅުގަނޑުވާނީ މީގެ ކުރިން މޯލްޑިވްސް އެޗްއާރު ޕްރޮފެޝަނަލްސް(މާޕް) ގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި. އެކްސްކޯ މެމްބަރ އަދި ވައިސް ޕްރެޒިޑެންޓް ގެގޮތުގައި މާޕްގައި މަސައްކަތް ކޮށް މާޕްއިން ކުރިއަށް ގެންދިޔަ ހުރިހާ ނެޝަނަލް އެޗްއާރު ކޮންވެންޝަންސްތައް ކާމިޔާބު ކަމާއެކު އިންތިޒާމު ކުރުމުގައި ޓީމާ އެކު އުޅެވުނު. ”

މިއަދު ކާމިޔާބު އަންހެން ލީޑަރެއްގެ ގޮތުގައި މުޖުތަމައުގައި ޒިންމާދާރު ރޯލެއް އަދާކުރައްވަވަމުން ގެންދަވާއިރު ކުރިއަށް ދާން ބޭނުންވާ އަންހެން ކަނބަލުންނަށް ފާތީ ދެއްވަވާ މެސެޖަކީ އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ވީތީވެ ނުކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި ތިމާ ހިތްއެދޭ ދާއިރާއަކުން ކުރިއަށް ދިއުމަށް ބޭނުންވަނީ ސާބިތުކަމާއެކު މަސައްކަތް ކުރެވޭނެ ހިތްވަރުކަމެވެ. އަދި ތިމާ ކުރާ ކޮންމެ ކަމަކީ އެކަމަކުން ނެރެން ޖެހޭ ނަތީޖާ އެންމެ ފުރިހަމަގޮތުގައި ނެރެވޭފަދަ މަސައްކަތަކަށް ހެދުމެވެ.

“ގޮންޖެހުންތައް ކުރިމަތިވާނެ. ކުރިއަށް ދިއުމަށް ހުރަސް އެޅޭނެފަދަ ކަންކަން ދިމާވާނެ. ބޭނުންވަނީ ތިމާގެ ސާބިތުކަން. އަންހެނަކަށް ވީތީވެ އާއިލީ ޒިންމާނަގަމުން ކުދިން ބަލަމުން މަސައްކަތް ނުކުރެވޭނެ ކަމަށް ގަބޫލު ކޮށް ކުރިއަށް ދިއުން ހުއްޓާލާކަށް ނުވާނެ. އަޅުގަނޑު ދަރިފުޅު އެންމެ 8 މަހުގައި ދަރިފުޅު ގޮވައިގެން އަތޮޅުތަކަށް ޓްރެއިނިންތަކުގައި އެކަނިމާއެކަނި ދަތުރުކުރިން. އެކަމަކު ކުރަންޖެހޭ ކަންތައްތައް އެވަގުތަކު ކުރެވެން އޮތް އެންމެ ފަސޭހަގޮތަކަށް ބަހާލައިގެން ކުރަނީ. އެހީތެރިކަން ހޯދޭނެ ފަރާތްތަކުގެ އެހީވެސް ހޯދަނީ. ކުރިއަށް ދިއުމުގައި ގޮންޖެހުންތަކާ ކުރިމަތިލައި އެގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކޮށް އެކަމުން ކާމިޔާބު ހޯދޭ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ސަކްސެސްފުލް މީހުން.”

މީހުން ބިނާކުރުމުގެ ބުރަ މަސައްކަތުގެ ތެރެއިން އަމިއްލަ ކުރިއެރުމަށްވެސް ވަގުތު ހުސްކުރައްވަވައި އެކިއެކި ސެމިނަރތަކާއި ވޯކްޝޮޕްތަކާއި ތަމްރީން ޕްރޮގްރާމުތަކުން ދާއިރާއާއި ގުޅުންހުރި ފަންނީ އަދި ޢިލްމީ މައުލޫމާތު ހޯއްދަވައި އަދި އެމައުލޫމާތުތަކުގެ އަލީގައި ތަނުގެ މުވައްޒަފުންނާއެކު ލީޑަރޝިޕްގައި އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވަވައި މީހުން ބިނާ ކުރުމަށް ފާތި ކުރައްވަވާ މަސައްކަތަށް ހަމައައްސަރިބަހާއި ސާބަސް ދެވޭވަރުވެއެވެ!