English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީކޮމާރސް ޕްލެޓްޕޯމް އީ-ޓުކުރިއާ ބެހޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް އައްޑޫ ސިޓީގެ އަވަށްތަކުގައި ކުރިއަށް ގެންގޮސްފިއެވެ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ސިލްސިލާ ބައްދަލުވުންތަކުގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދީ ފޭދޫގެ ރައްޔިތުންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީ-ޓުކުރި ލޯކަލްގެ ތެރެއިން ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ޝޮޕްތައް ޤާއިމުކުރުމަށް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޓީމުތައް ދަތުރު ކުރަމުން އަންނައިރު، މި ޚިދުމަތް ތަޢާރަފުކުރުމާއެކު ރާއްޖޭގެ އުފެއްދުންތައް މީހުންނަށް އެނގި، އެ އުފައްދާ މީހުންނަށް މަންފާ ލިބި އަދި ރާއްޖޭގެ ޕްރޮޑަކްޓްތައް ދުނިޔޭގައި އިޝްތިހާރު ވެގެންދާނެ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. މީގެ އިތުރުން ކޮންމެ އޮންލައިން ޝޮޕަކުން ވިއްކާ މުދާ ރާއްޖޭގައި އިޝްތިހާރު ކުރެވޭނެ އަދި ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނައިރު ފައިސާ ބަލައިގަނެވޭނެ ފުރިހަމަ ގޮތްތަކެއް ވެސް ހޯދަމުންދާ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އީ-ޓުކރި ކޮމިއުނިޓީ އޮންލައިން ޝޮޕަކީ ރަށު ފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ “ރަށު އޮންލައިން ފިހާރަ” އެކެވެ. އެ ރަށަކަށް ޚާއްސަކުރެވިފައިވާ މި އޮންލައިން ފިހާރައިގައި އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު އީ-ޓުކުރި ޕްލެޓްފޯރމްގެ ތެރެއިން ފަހިކޮށްދެވޭނެއެވެ. ޕޯސްޓުގެ ދައުރަކީ މި ފިހާރައިގައި ބައިވެރިވާ ރަށުގެ އުފެއްދުންތެރިންގެ، އުފެއްދުންތަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ބާޒާރު ހޯދައިދިނުމާއި، އެތަކެތި މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި އަދި ގަނެވިއްކާ ތަކެތި ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކަންކޮޅުތަކަށް ޑެލިވަރީކޮށްދިނުމެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ޙާއްސަ ކަމަކީ އޭގައި ލިސްޓްކުރެވޭ ތަކެއްޗަކީ އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް އެއްތަނަކުން ބަލާލެވި ކޮންމެ ތަނެއްގައި ހުރެވެސް އީ-ޓުކުރި ޕްލެޓްފޯމެއްގެ ތެރެއިން އިތުބާރާ އެކު ގަނެވި ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކަންކޮޅުތަކަށް ޑެލިވަރީވުމެވެ.