English Edition
Dhivehi Edition

ނަސަންދުރާ ޕެލަސް ހޮޓަލް އިރުއޮއްސުނީއްސުރެއް ތައްޔާރު ވަމުންދަނީ އެމީހަކަށްޓަކައި މުޅިތަން ދިއްލި އުޖާލާކުރެވޭ އަރޫޝާ އަންނާނެ ވަގުތަކަށެވެ. އެޚާއްސަ މެހެމާނާ އަށް ދެވެން އޮތްހާ ޚިދުމަށް ދިނުމަށް ރަތްކުލަޔާއި ހުދުން ޔުނިފޯރމް އަޅައިގެން ތިބި ވެއިޓަރުންނާއި އެހެނިހެން މުވައްޒިފުން ތައްޔާރު ކޮށް އިންތިޒާރު ކުރަމުން ދިޔައެވެ.

ގަޑިން 8 ގަޑި 30 ހިނގިއިރު އިންތިޒާރުގައިތިބި އާއިލާގެބޭފުޅުންނާއި މެހެމާންދާރީ އަދާކުރަންތިބި އެހެނިހެން ބޭފުޅުން ގަޑިކޮޅުތަކަށް ބައްލަވަމުން ގެންދަވައެވެ. އެހެރަވަޑައިގަތީ އެވެ. ކޮންމެވެސް މީހަކު އެންމެންގެ ސަމާލުކަމަށް އެގެނައީ ނަސަންދުރާގެ ދޮރާށިން ވަދެގެން އައީ ހުދުކުލައިގެ ކާރަކަށެވެ.

ކާރު މަޑުކޮށްލުމާއެކު ހުރިހާ އެންމެންގެ ލޯތައް ހުއްޓުނީ އެއަރޫޝާ އަށެވެ. އޭނާގެ ގަޔަށްހެޔޮވަރު ހުދު ވެޑިންގ ޑްރެސް އަށެވެ. އެހެދުމުގައި ޖައްސާފައި ހުރި ކޮންމެރުލެއްވެސް ވަނީ ފަރުވާތެރިކަމާއެކު އެރެއަށްޓަކައި ފުރިހަމަ ކުރެވިފައެވެ. އެހެދުމުގެ ތިރީފަސްބައިގައި ވިދާބަބުޅަމުންދާ އަލިމަސްތަކެއް އެއްބަޔަކަށް ރީތިވެގެން ކަޅިހުއްޓިފައި ހުރި އިރު ބައެއްމީހުންގެ ނަޒަރު ހުއްޓިފައިވަނީ ކާރުންފޭބި އެ ޕަރީއެއް ކަހަލަ ކުއްޖާގެ ހިނިތުންވުމަށެވެ. ލަދުވެތިކަމާއެކު އެއްވެފައިތިބި މީހުންނާ ދިމާއަށް ބަލާލި އެރީތި ލޮލުގައި ވަނީ އުފާވެރިކަމުގެ އިންތިހާއެވެ.

ނަސަންދުރާ އުފަލުން ނަށަންފަށައިފިއެވެ. މެހެމާނުންތައް އައިސްސަލާމް ކުރަންފަށައިފިއެވެ. ހިނިތުން ވެފައިވާ އަރޫޝާގެ މޫނުން ލޯނައްޓާލެވެނީ އެމަޑުއަތްތިލައިން ދޫކޮށްލެވޭތާ އެތައް އިރެއްފަހުންނެވެ.

ހުރިހާއެންމެންގެ ސަމާލުކަން ފުރިހަމަކަމުގެ ދެވަނައެއްނެތް އަރޫޝާއަށް ހުއްޓިފައިވާއިރު އެކަޕަލް ވަނީ މާދުރު ޚިޔާލެއްގެ ތެރޭގައެވެ. އެހެންކަމުން ސާޖިދުއާއި ޒިލްމާއައިސް ސަލާމްކުރިކަމެއް އަދި އެމީހުންގެނައި ބޮޑުޕާރސަލް ލިބުނުކަމެއް ފާހަގަކުރާކަށް ނޭގުނެވެ.

ޒިލްމާލާފައިހުރި ގަދަފެހިކުލައިގެ ހެދުމުގައި މިރޭ ވަނީ ވިދާ ބިއްލޫރިތަކެއް ނަމަވެސް ދުވަސްކޮޅެއް ފަހުން އެހެދުމުގައި ހުންނާނީ ރަންމުތްތަކެކެވެ.

ސާޖިދުގެ އުޅަބޮށީގައި ހިފަހައްޓައިގެން ޒިލްމާވަދެގެން ދިޔައިރު ބައެއްމީހުންގެ ހިތަށް އަރަނީ ބޭއްވިފައި މިވަނީ ދެ ކައިވެނި ޕާރޓީ އެއްކޮށް ކަމަށެވެ. މިނިސްޓަރުންނާއި ގަދަރުވެރިންގެ ހަފްލާގެ ތެރެއަށް އިސާހިތަކު އެ ޖޯޑް ވެސް ވަދެ މަސްހުނިވެއްޖެއެވެ.

އުފާވެރި އެތައް ސަލާން ކުރުމެއްގެ ފަހުން އެންމެފަހުން އަރޫޝާގެ އުފާވެރިކަން އިންތިހާއަށް ގޮސް ހިނި ފަޅައިގެން ދިޔައީ އޭނާގެ ޚާއްސަ ރައްޓެއްސެއް ކަމަށްވާ ރާއްޖޭގެ އެންމެ ކުޅަދާނަ ފިލްމުސްޓާރ ޝިރާނީ އައިސްއޭނަޔާ ސަލާންކުރި ވަގުތުއެވެ. އެހެންކަމުން އާދައިގެ މީހެއްގެ ގޮތުގައި އައި ރީމާވެސް އެތަނުގައި ތިބި އެތައް ސަތޭކަ މީހުންގެ އޮއިވަރުގެ ތެރޭގައި ބެހިގެންދިޔައީއެވެ.

މީރު ކެއުމާއި ބުއިމުގެ ރަހަ އެހާ މީރު ނުވާންވީ ސަބަބެއްނެތެވެ. ރާއްޖޭގެ އެންމެ މަޝްހޫރު މިލިއަނަރގެ ކޮއްކޮއަށްޓަކައި މުޅި ވިލާހޮޓެލްވެސް އޮތީ ޚިދުމަތުގައެވެ.

ޒިލްމާއަށް އެކެއުން އަދި ވަކިން ގަޔާވީ ރީމާއަށް އޭނާގެ މަތިވެރި ކާމިޔާބީ ދައްކާލެވޭނެ ފުރުސަތު ލިބުމުންނެވެ. އޭނާ ސާޖިދާ ވަކިން ކާރިއަށް ޖެހިލިއެވެ. އަދި އޭނާގެ އަތުން ތަށިއަތުލާފައި ދެވައްތަރެއްގެ ސެލެޑެއް ލާދިނެވެ. ހަމައެއާއެކު ސާޖިދުގެ ކަންފަތްދޮށުގައި ސިއްރު ވާހަކައެއްބުނެލަން ކާރިވެލިއެވެ. މިމަންޒަރުފެނުމުން ރީމާއަށް ލިބުނީ އުފަލެއްކަމެއް ހިތާމައެއްކަމެއް ބުނަން އޭނަޔަކަށް ނޭގުނެވެ

ޗެޕްޓަރ 3

ވިއްސާރަ ރެއެއް ނަމަވެސް ޖައްވުގެ ތެރޭގައި ދިއްލިފައި ވަނީ މާލޭގެ ގަދަ އައްޔެވެ. އުސްއިމާރާތެއް ކަމުން އެދަންވަރު ވަކީންބޮޑަށް ހަމަ ހިމޭން ވެފައިހެން ހީވެއެވެ. 7 ވަނަބުރީގެ އެކަނިވެރި އެކޮޓަރީގައި ދިއްލާފައިވާ ރަތް ނިދާބޮކީގެ އަލީގެތެރޭން އެދެމީހުން ފެންނަނީ ޚިޔާލީ ކުލަ ހުވަފެނެއް ހެންނެވެ. މަޑުމައިތިރި މިއުޒިކެއްގެ ތެރޭގައި އެދެމީހުންގެ އަވަސް ނޭވާލުމުގެ އަޑު މިކްސް ކޮށްލާފައި ހުރިހެން ހީވެއެވެ.

“އަހަރެން މިހާރު އެބަ ބިރުގަނޭ.” އެމީހާގެ ކަންފަތާ އެންމެ އިންޗިއެއް ހާކާރިން މިހެން ބުނިއަޑުހީވަނީ ލައުޑްސްޕީކަރަކުން އިވުނު ހެންނެވެ. “މިހާރު 2 މަންތްސް މިސްވެއްޖެ.”.

“އެހާ ބޮޑުކަމެއްތަ.” އެމީހާ ވެސް މިހެންބުނީ ވައިއަޑުންނެވެ. “ތިގޮތަށް ކިތައްފަހަރު ކަލޭ ބުނެފިންތަ މީގެ ކުރިންވެސް؟”

“މިފަހަރު ކުރީހެނެއް ނޫން ” އެ އަނދިރިކަމުގެ ތެރޭންވެސް އޭނާގެ މޫނުމަތީގައިވާ ހާސްކަން ފެންނަން ހުށްޓެވެ. “މިހާރު އުނދަގޫ ވާންވެސް ފަށައިފި.”.

“ތިއީ މިޒަމާނުގައި ކަންބޮޑުވާ ވަރުގެ ކަމެއްތަ؟.” އޭނާ އަނެއްފަރާތައް އެނބުރިލޯމަރާލިއެވެ. “ކަލޭ ބޭނުންނަމަ އަވަހަށް ދާންވީނު މެޑްރާސް އަށް ނޫނީ ބެންކޮކަށް ވެސް ދެވިދާނެ..”

“ތިހެން ކިހިނެއް އަބަދު ހަދާނީ؟” .

ސާޖިދުއާ ނީދެވިދާނެތީތަ؟ ” . ” ކީއްވީ؟

ޒިލްމާގެ ހަމަހިމޭންކަމުން އޭގެ ޖަވާބު ލިބުނުހެން ހީވިއެވެ.

“ހުސްނީ ކަންބޮޑު ނުވިއެއްކަމަކު ހުރިހާ ބަދުނާމެއް ވާނީ އަހަރެން.” އޭނާ ގިސްލާން ފަށައިފިއެވެ. “ހުރިހާ ދެރައެއް ލިބޭނީ އަހަންނަށް. ލަދުގަންނާނީ އަހަރެން.” އޭނާ އެނދުން ތެދުވެ ހެދުން އަޅަން ފަށައިފިއެވެ..

“އަހަރެން ކަލޭ ބުނިއަދަދު ދޭނަން. އެކަމަކު މިރެއަކު ނެތް.” ހުސްނީ ނިދި އަޑުން ބުނެލިއެވެ. “މިރޭ ދެން ޓެކްސީއެއްގައި ދޭ! ” ހުސްނީ ވަރުބަލި ކަމާއެކު ބިއްދަށަށް އެނބުރި ބާލީހުގައި ބައްދައިގެން ހަމަ ޖެހިލައިފިއެވެ.

ޒިލްމާ ބޮލުގައި ފުނާއަޅާ ނިމުމުން ކޮޓަރީގެ އެފުޅާ ކުޑަދޮރުގެ ދޮރުފަތް މަޑުމަޑުން ކަހާލިއެވެ. މަގުމަތިން އަދިވެސް މީހުން މަދެއް ނުވެއެވެ. . ގަޑިން 3ގަޑި ބައިވެއްޖެއެވެ.

އެހިސާބުގައި އެކްސިޑެންޓެއްހިގީއެވެ. އެހެންގޮތެއް ނެތިގެން އޭނާ ތިރިއަށް ފައިބާފައި އެއްވެފައިވާ މީހުންގަޑުގެ ތެރޭން މަޑުމަޑުން ހިނގާލާފައި ދާން ފަށައިފިއެވެ.

އެވަގުތު ފަހަތުން އައިސް ކާރެއް މަޑުކޮށްލާފައި ދޮރުހުޅުވާލިއެވެ. އޭގައި އިނީސާޖިދުއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފޯނުލުމުގެ ޕްރޮޖެކްޓް ނިންމާލެވުނީ ކިރިޔާއެވެ. ވައިޓޫކޭގެ ކަންތަކުގެ ތެރެއަށް ރީމާފީނައިގަންނަން ޖެހިއްޖެއެވެ. ޗުއްޓީގައި ހޭދަވި އުފާވެރި ކުޑަ ދުވަސްކޮޅަކަށްފަހު އަލުން މަސައްކަތާ ކުރިމަތިލާން ޖެހުނީއެވެ. މިއީ ރީމާގެ ވަޒީފާއެވެ. އެތަކެއްއަހަރެއް ތައުލީމުހޯދުމަށް ކުރިމަސައްކަތުގެ ފޮނި ނަތީޖާއެވެ.

މާމަގެ އެތަކެއް ގަދައެޅުމުގެފަހުން ވެސް އޭނާ އެންމެފަހުން އަންނަންޖެހުނީ މާލެއަށެވެ. ރަށުން ވަޒީފާދޭން ތައްޔާރަށް ތިބި އެތައްބަޔަކު ވެސް ތިއްބައެވެ. މާމަ ބޭނުންވަނީ އޭނާ ރަށުގައި ހުރުމަށެވެ. މީހަކާ ކައިވެނި ކުރުމަށެވެ. މުނިމާމަ ދަރިއެއް ދެކޭހިތުންނެވެ. އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރީމާގެ ކާވެންޏަށް ހުށަހެޅިމީހުންގެ އަދަދުވެސް ނޭންގެއެވެ. ރައްޓެހި ވާން އެހިމީހުންގެ ލިސްޓް އެހާދިގެވެ. މަންމަ އެކައްޗެއްވެސް ނުބުނެއެވެ. އެހެންނަމަވެސް މަންމަގެވެސް ކޮންމެވެސް އުންމީދެއް އޮންނާނެކަން އެނގެއެވެ.

“ރީމާއަކީ އަންހެނެއްނޫންހޭ؟” މަންމައެއްފަހަރަކު ބުންޏެވެ.

“ކޮންމެއެއްޗެއް ކިޔެވިފައި ހުއްޓަސް އަންހެނަކު ނަމަ ވާން ވާނީ އަންހެނަކަށް. މީހަކާ އިންނަން ޖެހޭނެ. ދަރިން ހޯދަން ޖެހޭނެ.”

މަންމަ އެއްފަހަރަށްވުރެން ގިނަފަހަރު ޒިޔާންގެ ވާހަކަ ދައްކާއަޑު އޭނާއެހިއެވެ.

ޒިޔާންގެ ވާހަކަ ދައްކަނީ މަންމަ އެކަންޏެއްވެސް ނޫނެވެ. ވަރަށްގިނަ ބައެއްގެ ދުލުކުރީގައި އެނަންއޮވެއެވެ. އަތޮޅުގެ ޒުވާން އަންހެން ކުދީންނަކަށް އެވަރެއްނެތެވެ.

“އެއީ ބްރިޓޝް ލެޔޭ.” ބައެއްކުދިން މިހެންބުނެލަނީ ފަޚުރުވެރިކަމާއެކުގައެވެ. ތެދެކެވެ. އައްޑު އަތޮޅަކުން އިނގިރޭސިންގެ އަސަރު ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ.

ކާނިވަލުން ދިމާވިފަހުން ޒިޔާންއާ އޭނަޔާ ބައްދަލެއް ނުވެއެވެ. އެފަހަރު އޭނާ އެއްގޮތަކަށްވެސް އޭނާގެ ބައްޔާބެހޭ ވާހަކައެއްނުދައްކައެވެ. ޒިޔާންނެތުނީކަންނޭގެއެވެ. އެހެންނަމަވެސް ރީމާއަށް އެދުވަސްތަކުގެ މަތީން ހަދާން ނައްތައެއް ނުލެވޭނެއެވެ. އެދަތުރު ޒިޔާންއާ ދިމާނުވިނަމަ އޭނައަށް ސާޖިދު ނުގެއްލުނީހޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ޒިޔާން އޭނަޔާ ދޭތެރޭގައި ކަންތައްކުރީ ފަހަރެއްގައިވެސް އޭނާގެހިތުގައި ލޯތްބެއް އުފެދިގެން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އެކަހަލަ ގޮތެއް ދިމާވެއްޖެނަމަ ކޮންމެ ޑޮކްޓަރަކުވެސް ކަންތައް ކުރާނެގޮތެވެ. ތަފާތަކީ ޒިޔާންގެ ޒުވާންކަމެވެ. އޭނާގެ ރީތިކަމެވެ. އެހެންމީހުންގެ ލޮލުގައި އެކަންތައް އަޅައިގަތީ އެހެންވެގެންނެވެ.

އެފަހަރު ސާޖިދުއަށް އެހާވަރަށް ޝައްކު ނުކުރެވުނުނަމަ އެކަންއެހާ ހިސާބަށް ނުދިޔައީހެވެ. އަންހެނުންނާމެދު އިތުބާރެއް ނުކުރެވޭނެޔޭ ސާޖިދު އެއް ފަހަރަކު ބުނެފައިވެއެވެ. އޭނާގެ ލޮލަށް އެމަންޒަރު ފެންނާނެ ގޮތްވެސް މިހާރު ރީމާއަށް އިހްސާސް ކުރެވެއެވެ. އޭނާ ކިތަންމެ ވަރަކަށް އެކަމުގެ ހަގީގަތް ކިޔާދިން ކަމުގައި ވިޔަސް ސާޖިދުއަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އެއީ ސާޖިދުގެ ވެސް ކުށެއްނޫނެވެ. އެކެއްގެވެސް ކުށެއްނޫނެވެ.

ރީމާގެ ޚިޔާލުތަކުގެ ސިލްސިލާ ބުރިވެގެން ދިޔައީފޯން ރިންގްވާން ފެށުމުންނެވެ. . ހަލޯ ރީމާދަންނަ އަޑެއްހެންހީވެއެވެ.

“ހަލޯ! މިއީ ރީމާ.

“ހަލޯ” ކުޑަކޮށް ލަސްކޮށްލާފައި އެކޮޅުންބުންޏެވެ. “މިއީ ސާޖިދު!……”

.

ޒިލްމާއެތަކެއް ފަހަރު ގުޅުމުންވެސް ހުސްނީއާ ދިމައެއްނުވިއެވެ. މިއީ މީގެކުރީގައި ދުވަހަކުވެސް ވީގޮތެއްނޫނެވެ.

ހުސްނީއާއޭނާ ބައްދަލުވީއިރު އޭނާގެއުމުރަކީ އެންމެ 14 އަހަރުނަމަވެސް ހުސްނީ ހުރީ އޭނަޔާ ހެދި މޮޔަވެފައެވެ. ހުސްނީ ބޭނުންވީ ވަގުތުން ކާވެނިކުރާށެވެ. އަނބިމީހާއާއި 4 ދަރިންނަށް ވުރެން ހުސްނީއަށް ބޭނުން ބޮޑުވީ އޭނައެވެ.

ޒިލްމައަށް ބޭނުންވީ ހުސްނީގެ ފައިސާވެރިކަމެވެ. ނުފޫޒެވެ. މަގުމަތީގައި ފެންގަނޑު ބޮޑުކަމުން ސްކޫލަށް ، ސްކޫލުން ގެޔަށް އައުމަށް ދަތިވާ ކޮންމެ ފަހަރަކު ހުސްނީގެ ކާރު ފޮނުވާދެއެވެ. ރޭގަނޑުގެ ގަޑިތަކުގައި އަންނަނީ ޚުދު ހުސްނީއެވެ. އެކަހަލަ ރޭރޭ ގެއަށް ނާދެވި ލަސްވަނީ ފެންގަޑާހެދި ކަމަށް ގޭގެ މީހުންގެ ގާތުގައި ބުނުމުން ފުދެއެވެ. އެހެންނަމަވެސް ހިއްކިތަނުން ކުނިކޮށި ކާރިން ހުސްނީގެކާރު ކުރިޔަށް ނުދުއްވިގެން ލަސްވީއޭ ބުނެފިނަމަ އެވަރަކުން ނުފުދޭނެއެވެ.

ޒިލްމާއަށް އޭރުވެސް ލެކިއުޓްގައި ހުންނަ އެންމެއަގުބޮޑު ސެންޓްގަނެލެވެ އެވެ. ސްކޫލްގެ ހުރިހާކުދިން ދާދަތުރެއްގައި ކަމަށް ބުނެފައި ރިސޯޓްތަކަށް ނައްޓާލައެވެ. ރެޔާދުވާލުގެ ކޮންމެވެސް އެއްވަގުތެއްގައި ހުސްނީގެ ފޯނެއް އާދެއެވެ. އެފޯނު ނާންނަ ދުވަހެއް ނަމަ ޒިލްމާ ހުންނާނީ ނުރުހިފައެވެ. ހުސްނީއަށް ކެއްނުކުރެވެނީ ޒިލްމާގެ ނުރުހުން ވުމަށެވެ..

ޒިލްމާ ވެސް އޭރުބުނަމުން ދިޔައީ އޭނާ ހުސްނީއާ އިންނަން ހުރިކަމަށެވެ. ހުސްނީ ނޫން ކިތަންމެ ބައެއްގެ ގާތުގައިވެސް ޒިލްމާ އެހެންބުނެފައި ވެއެވެ. ހުސްނީއާ ބައްދަލުވީ ފަހުން އެހެންމީހުންނަކީ މާ މުހިންމު ބަޔަކަށް ނުވިއެވެ. އަމުދުން ރަށުން އައިއިރު ހިތާވެގެންއުޅުނު ކުޑަހުސޭނަކީ މިހާރުއެއްވެސް މީހެއްނޫނެވެ. އޭނާ އަދިވެސް ދަނީމަހަށެވެ. އޭނާގެ އުމުރުފުރާގެ ހުރިހާ އެންމެން މާލެ އައިސް ރިސޯޓްތަކަށް ގޮސް ގިނަ ލާރި ހޯދާއިރު އޭނާގެ އެގޮތެއް ދުލެއް ނުކުރެއެވެ. އަދިވެސް އޭނާހުރީ ޒިލްމާ ނޫން އެހެންމީހަކާ ނީންނަމޭކިޔާފައެވެ.

ޒިލްމާއަށް އޭނާ ރައްޓެހި ވެވުނު މީހުންގެ އަދަދެއް މިހާރަކު ނޭންގެއެވެ. އެގެނީ އޭގެތެރޭގައި ރަގަޅު ހަރުދަނާ މީހުން ތިބިކަމެވެ. އެހެންނަމަވެސް ހުސްނީގެ އަތުގައި ހުރިވަރަކަށް އެމީހުންގެ އަތަކު ލާރިއެއްނެތެވެ.

ފުރަތަމަ ފަހަރު މިހެން ދިމާވީމާ ހުސްނީވަގުތުން އޭނާ ސިރީލަންކާއަށް ފޮނުވާލިއެވެ. ހުރިހާކަމެއް ނިމިގެން ދިޔައީ ލޯމަރާލާފައި ލޯހުޅުވާހާ ހަލުވި ކޮންނެވެ. އެކަމަކު މިހާރު ދެމަސް ފާއިތުވެއްޖެއެވެ. މިއީ ތިންވަނަ މަހެވެ. އޭނައަކަށް މިހެން މާގިނަދުވަހަކު ނުހުރެވޭނެއެވެ. އޭރަކުން ހުސްނީއެއްވެސް ސާޖިދެއްވެސް ނުހުންނާނެއެވެ.

ސާޖިދުގެ ކުރިމައްޗަށް އެރޭ އޭނަޔަށް ފޭބުނީ އިއްތިފާގަކުންނެވެ. އެހެންނަމަވެސް އެރޭއޭނާޔަށް ގެޔަށް ނުދެވިފައިހުރީ ވިއްސާރަ ކަމުންކަމަކަށް ބުނުމުން ސާޖިދަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއެހާ ލަސްވަންދެން ބޭރުގައި އުޅުނ ުސަބަބު ސާޖިދަށް ގަބޫލުކުރެވުނީ އެތައް ވަރަކުންނެވެ. އޮފީހުގައި 12 ޖަހަންދެން އުޅުނު ކަންސާޖިދަށް އެނގެއެވެ.

“އޮފީހުގެ ކުޑަދޮރެއް ނުލައްޕާ ހުރިކަން ހަނދާންވެގެން އެ ދޮރުލައްޕާލާ ރަނގަޅަށް ތަޅުލާފައި އަންނަން ހަދައިގެން ލަސްވީ.” ޒިލްމާ ތުއިވެލާފައި ބުންޏެވެ. އެވާހަކަގަބޫލުކުރަން ފަސޭހަވިއެވެ.

“ޓެކްސީއަކަށް ގުޅުނީ އެތައްއިރަކު އުޅެގެން. އެހިސާބުގައި އެކްސިޑެންޓެއް ހިނގާފައި އޮތީމާ އެމަގުން ޓެކްސީއެއްވެސް ނައީ.”

“އަހަންނަށް ނުގުޅީކީއްވެ.” ސާޖިދު ކަންބޮޑުވެފައި ބުންޏެވެ. “އަމުދުން އޮފީސް ނުލެއްޕި ހުރީމާ އެކަން އަހަންނަށްވެސް އަންގާލި ނަމަ”

“ސާޖިދުދުރުވީ އެހާލަސްވެފަ ހުއްޓާ!” ޒިލްމާ ލޯބިވެތި ނަޒަރަކުން ސާޖިދަށް ބަލާލިއެވެ. “އަހަރެންގެ ފަރާތުން ވީކަމަކާހެދި ސާޖިދުގެ ނިދި ނަގާލަން ބޭނުން ނުވީ.

“އަހަރެންގެ ނިދިގެއްލުނީ މިހާރު.” ސާޖިދުޒިލްމާގެ ތެމިފައިއޮތް އިސްތަށިގަޑަށް ބަލާލިއެވެ. މިރެއަކު ދެނެއް ނިންޖެއް ނާންނާނެ”

ސާޖިދުގެ ކާރު މިސްރާބު ޖެހީ ގެއާދިމާއަށެވެ. މިއީ ޒިލްމާވެސް މި ވަގުތު އެންމެއެދޭ ގޮތެވެ. މަސްއަލައަކި މިހާތަނަށް ސާޖިދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ކަމެވެ.