English Edition
Dhivehi Edition
މަޖީދީ މަގުގައި މުޒާހަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ޓިކެޓު ވިއްކުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަކަރުހަދާފައިވާކަމަށް ބުނެ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ގޮވާ މުޒަހާރާކޮށްފިއެވެ.

މާދަމާގެ މެޗުގެ ޓިކެޓް ވިއްކަން ފަށަން ނިންމާފައިވަނީ މިއަދު ހެނދުނު 10:00 ޖެހިއިރު އެވެ. ޓިކެޓު ގަތުމަށްޓަކައި ހެނދުނު 6:00 އިން ފެށިގެން ގިނަ ބަޔަކު ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައިވާއިރު، ޓިކެޓް ދޫކުރަން ފެށިތާ ގަޑިއެއްހާއިރު ތެރޭ 5000 ޓިކެޓު ވިކި ހުސްވެފައިވާކަމަށް އެފްއޭއެމްގެ އޮފިޝަލުން ވަނީ އަންގައިފައެވެ.

ޓިކެޓު ކިއުގައި ތިބެގެން ޓިކެޓު ނުލިބުމަކީ މައްސަލައެއް ކަމަށް ކައުންޓަރު ކައިރީގައި ތިބި މީހުން ބުނެ އިހުތިޖާޖުކުރަން ފަށާފައިވާއިރު، ގަޑިއެއްހާ އިރު ތެރޭ ޓިކެޓް ވިއްކާ ހުސްވާނެ ގޮތެއް ނެތް ކަމަށް ބުނެ ޓިކެޓް ގަންގަން ގޮސް ތިބި ބަޔަކު ވަނީ ޓިކެޓް ވިއްކާ ދޮރު ހަލާކުކޮށް ގަލޮޅު ދަނޑަށް ވަދެފައެވެ. އަދި ޓިކެޓް ދޫކުރި ލިޔެކިޔުންތައް ހޯދައި ބެލި އިރު، 600 އަށް ވުރެން މަދުން ޓިކެޓް ވިއްކާފައި ހުރިކަން ފާހަގަކުރުމާއެކު ގިނަ ބަޔަކު ވަނީ އެފްއޭއެމް އިން ޓިކެޓު ވިއްކުމުގައި އޮޅުވާލާފައިވާކަމަށް ބުނެ ބައްސާމްގެ އިސްތިއުފާއަށް ގޮވާފައެވެ.

އެ ސަރަހައްދުގައި އިހްތިޖާޖުކުރަމުން ދިޔަ މީހުން އެފްއޭއެމްއަށް ބޮޑު ތުހުމަތުތަކެއްކޮށްފައިވާއިރު އެފްއޭއެމްގެ ވެރިން ވަނީ ޓިކެޓުތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ބަހާލާފައިކަމަށް ބުނެފައެވެ.