ފުވައްމުލައް ސިޓީ އިން 2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް، ޕާކިސްތާނު ހައިކޮމިޝަނުން ލެޕްޓޮޕްތައް ހަދިޔާކޮށްފިއެވެ.
2018 ގެ އޯލެވެލް އިމްތިހާނުން ފުވައްމުލައް ސިޓީގެ 8 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
ފުވައްމުލައް ސިޓީގެ ކުރީގެ ކައުންސިލުން، ޕާސްކިސްތާނު ހައިކޮމިޝަނާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އޭރު ހަމަޖެހިގެން ދިޔަ މި ހަދިޔާތައް ފުވައްމުލައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕާކިސްތާނުގެ ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ލެޕްޓޮޕް ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުވައްމުލައް ސިޓީގެ ކައުންސިލަރުންނެވެ. ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ކައުންސިލް މެމްބަރު އާމިނަތު އިނާޔާ އާއި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި އިތުރުން ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދު ބައިވެރިވި މި ރަސްމިއްޔާތުގައި، އެ ބޭފުޅުންވަނީ ނިމިގެން ދިޔަ ދައުރުގެ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ،
މިފަދަ އެހީތެރިކަމެއް ފުވައްމުލައް ސިޓިގެ ދަރިވަރުންނަށް ހޯއްދަވައި ދެއްވުމަށް ކުރީގެ ސިޓީ ކައުންސިލް މެމްބަރުން، ޚާއްސަކޮށް މޭޔަރު ފަލާޙު ޝަރީފު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ކުރެއްވި މަސައްކަތް ކައުންސިލުންވަނީ ފާހަގަކޮށްފައެވެ،